English Edition
Dhivehi Edition

އިނގިރޭސި އެފްއޭ ކަޕް ފައިނަލްގައި ރޭ ޗެލްސީ 1-0 އިން ބަލިކޮށް ލެސްޓާ ސިޓީން އެ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މިއީ ޗެލްސީން މި މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީން މިދިޔަ އަހަރުގެ ފައިނަލްގައި ބަލިވީ އާސެނަލް އަތުން 2-1 އިންނެވެ. މިއާއެކު ޗެލްސީ ވެފައިވަނީ އެފްއޭކަޕްގެ ފައިނަލްގައި ޖެހިޖެހިގެން ދެ އަހަރު ބަލިވި ދެވަނަ ޓީމަށެވެ. މީގެކުރީން، ނިއުކާސަލް ޔުނައިޓެޑުން ވަނީ 1997/98 އާއި 1998/99 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނު ދެ ފައިނަލުން ބަލިވެފައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކޮންމެ ޓީމެއްގެ 6 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 63 ވަނަ މިނެޓުގައި ލެސްޓާ އަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމެންސް އެވެ. މިއީ ގޯލާ ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ޓީލަމެންސް ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ފޮނުވާލިއިރު ޗެލްސީގެ ގޯލް ބަލަހައްޓަމުންދިޔަ ކެޕާ އަރިއްޒަބަލަގާ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ރޭގެ މެޗުގައި ޗެލްސީގެ ހަމަލާތައް ނާކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރީ ގޯލްކީޕަރު ކެސްޕާ ޝުމައިކަލް ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން، ކުރީން ލެސްޓާ އަށް ކުޅުނު އިނގިރޭސި ފުލްބެކް ބެން ޗިލްވެލް އާއި މޭސަން މައުންޓް ފޮނުވާލި ދެ ހަމަލާ ވެސް ޝުމައިކަލް މަތަކުރިއެވެ.

ލެސްޓާ ސިޓީގެ ހަމްޒާ ޗޯދުރީ އާއި ވެސްލީ ފޮފާނާ (ވ) ފަލަސްތީނުގެ ދިދަ ހިފައިގެން. –ފޮޓޯ: ޓުވިޓާ

ޗެލްސީން ރޭގެ މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލެސްޓާގެ ކެޕްޓަން ވެސް މޯގަން އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ނަތީޖާ ހަމަހަމަކުރި ނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ޤަބޫލުނުކޮށްފައެވެ. އެއީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ މަތިން ފޮނުވާލި ބޯޅަ ޗިލްވެލް އަށް ލިބުނުއިރު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

މެޗު ނިމުމާއެކު ލެސްޓާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާއިރު މި ކަމުގައި އެ ކްލަބުގެ މިހާރުގެ ވެރިޔާ އައިޔާވަތު ސްރިވަދަފްރަބާ ވެސް ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، ރޭގެ މެޗަށްފަހު ލެސްޓާ އިން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ވެސްލީ ފޮފާނާ އާއި ހަމްޒާ ޗޯދުރީ ވަނީ ފަލަސްތީނުގެ ދިދައެއް ދައްކާލާފައެވެ.

އަދި ރޭގެ މެޗު ކާމިޔާބުކޮށް ތަށި އުފުލާލުމާއެކު ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާރ އެލެކްސް ފާގަސަން އަށްފަހު ސްކޮޓިޝް އެފްއޭކަޕާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރި ދެވަނަ ކޯޗު ޝަރަފު ހޯދާފައެވެ.