މިދިޔަ ހުކުރު ދުވަހުގެ ރޭ ދެ ފިރިހެނަކު ވެގެން ސަފާރީއަކަށް ދިޔަ ބިދޭސީ އންހެނަކު ރޭޕްކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން މިހާރުން މިހާރަށް ހައްޔަރުކޮށް، ތަޙުޤީޤު އަވަސްކުރުމަށާއި، އެމީހުންގެ ވަނަވަރު ހާމަކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދާދި ފަހުން ދިވެހި ދެ ފިރިހެނަކު ވެގެން ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައިގައި، ތަޙުޤީޤު އިދާރާތަކުން ކަންކޮށްފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ދެ ފިރިހެނުންގެ މައްސަލަ ނުބަލާ އޮއްބާލުމަށް މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ބާރުހުރި ފަރާތްތަކެއްގެ ނުފޫޒުން ކަމުގެ މަޢުލޫމަތު ލިބިފައިވާތީ، އެ މައްސަލަ އޮއްބާލުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
“ހަމައެއާއެކު، ރޭޕްގެ ޝިކާރައަކަށްވި ބިދޭސީ އަންހެން މީހާއަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވުމާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ އިތުރުން އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކުން އަރައިގަތުމުގައިވެސް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ދީފައި ނުވުމަކީވެސް މިކޯލިޝަންގެ ކަންބޮޑުވުން އިތުރުވާ ކަމެއް”، އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި ކުސްތަކަށް އަރައިގަންނަ ފަރާތްތަކަށް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ލިބެންޖެހޭ ކަމާއި، އަދި އެ ފަރާތްތަކުގެ މައްސަލަ ހުށަހެޅި ތަޙުޤީޤުކޮށް ޝަރީޢަތް ހިންގަމުން ދާ ދުވަސްވަރުވެސް މުޖުތަމަޢުއަށް ދޫވެފައި ތިބުމަކީ މުޖުތަމަޢުގެ ތެރޭގައި، ޚާއްސަކޮށް އެމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރު ބިރުވެރިކަމެއް ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށްވެސް ކޯލިޝަނުން ބުނެފައި ވެއެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުގެ މައްސަލަ ތަޙުޤީޤު ކުރެވި، މައްސަލަ ކުރިއަށްދާ މުއްދަތުގައި އެފަރާތްތައް މުޖުތަމަޢު ތެރެއަށް ދޫނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށްވެސް ކޯލިޝަނުން ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
“އަދި ރޭޕްގެ ޝިކާރައަކަށް ވި ބިދޭސީ އަންހެން މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުން އަވަސްކޮށް، އޭނާއަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަޥެސް ގޮވާލަން. އެއާއެކު، މި އަންހެން މީހާ ރޭޕް ކުރުމުގައި ބައިވެރިވި ފަރާތްތަކުގެ ވަނވަރު އާންމުކޮށް ހާމަކުރުމަށާއި، އެ ފަރާތްތައް މިހާރުން މިހާރަށް ހައްޔަރުކޮށް ތަޙުޤީޤާއި ޝަރީޢަތް އަވަސްކުރުމަށްވެސް ގޮވާލަން. މިފަދަ ލާއިންސާނީ، އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖުތަމާއުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫން”، އެ ބަޔާނުގައި ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައި ވެއެވެ.
އެ ބަޔާން ނިންމާލަމުން ކޯލިޝަނުން ބުނެފައި ވަނީ ފަހަކަށް އައިސް ރާއްޖޭގައި ރޭޕްކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ޢަމަލުތައް ގިނަވަނީ އެފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތއް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުން ފަރުވާ ކުޑަކޮށް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާނުކުރާތީ ކަމަށް ދެކޭ ކަމުގައެވެ.