English Edition
Dhivehi Edition
ސެލްޓާ ވިގޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ފަހުވަގުތު އިއާގޯ އަސްޕާސް ޖެހި ލަނޑުން ސެލްޓާ ވިގޯ އިން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ 2-2 އިން އެއްވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ، ވަގުތީގޮތުން ލީގުގެ އެއްވަނައިގައި އޮތީ 32 މެޗުން ލިބުނު 69 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެއް މެޗުން މަދުކުޅެފައިވާ ރެއާލް މެޑްރިޑެވެ. އެހެންކަމުން ލީގުގައި އެ ޓީމު މިރޭ ތާވަލްގެ އެންމެ ފުލުގައި އުޅޭ އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެއްވަނަ މަގާމަށް އެރޭނެ އެވެ.

ސެލްޓާގެ މުނިސިޕަލް ޑެ ބަލައިޑޯސްގައި ކުޅުނު މި މެޗު ފެށުމުގެ ކުރީން ދަނޑުގެ ސެންޓަ ސާކަލް އަށް ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލައި ތާރީޚު އަޅުވާފައި ހުއްޓެވެ. މިއީ ސެލްޓާ އާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ތެރެއިން ކުރިއަށްގެންދާ ކަންތައްތަކެވެ.

ރޭގެ މެޗު ފެށިގެން ހަވަނަ މިނެޓުގައި ބާސެލޯނާގެ ޖެރަޑް ޕީކޭ ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނަގައިދިން ކޯނަރަކުން ޕީކޭ އަށް ލިބުނު ބޯޅަ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، މެޗުގެ 20 މިނެޓުގައި ބާސެލޯނާ އިން ލީޑްނެގީ މެސީ ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ޕެނަލްޓީއޭރިޔާތެރޭގައި ހުހަށްހުރި ލުއިސް ސުއަރޭޒް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑުންނެވެ.

ސެލްޓާ އިން އެއްވަރުކުރީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެ ޓީމުގެ ރަޝިޔާ ފޯވާޑް ފެޑަ ސްމޮލޯވް އެވެ. އޭގެފަހުން މެޗުގެ 67 ވަނަ މިނެޓުގައި ބާސެލޯނާ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ވެސް ސުއަރޭޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މެސީ އެވެ. މިއީ ލީގުގައި ސުއަރޭޒް ކުޅުނު 22 މެޗުގައި ޖެހި 13 ވަނަ ގޯލެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް، ސެލްޓާ އަށް އެއްވަރުކޮށްދިނީ 88 ވަނަ މިނެޓުގައި އަސްޕާސް ވައްދާލި ހިތްގައިމު ހިލޭޖެހުމަކުންނެވެ. އޭގެފަހުން މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމު މޮޅުކޮށްދިނުމަށް، މި ހާފުގައި ކުޅެން ނިކުތް ނޮލީޓޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، ތާވަލްގެ ތިންވަނައިގައި އުޅޭ އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އަލަވޭސް ބަލިކޮށްފައެވެ. އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ސައުލް ނިގުއޭޒް އާއި ޑިއޭގޯ ކޮސްޓާ އެވެ. އަލަވޭސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ހޮސެލޫ އެވެ.