އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ ލާޒިއޯ އިން ލީގުގެ އެއްވަނައިގައި އުޅޭ ޔުވެންޓަސް އާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
އެއްވަނައިގައި އޮތް ޔުވެންޓަސް ވަނީ ހުކުރު ދުވަހުގެ ރޭ ލެއްޗޭ އަތުން 4-0 އިން ހޯދީ ބޮޑު މޮޅާއެކު ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް 28 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ލާޒިއޯ މިހާރު އޮތީ 65 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާނެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އެޓަލާންޓާ އެވެ.
ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ތާވަލްގެ 14 ވަނައިގައި އުޅޭ ފިއޮރެންޓީނާ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ފްރާންސްގެ ތަޖުރިބާކާރު ވިންގާ ފްރޭންކް ރިބެރީ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ފިއޮރެންޓީނާ ކުރީގައިއޮވެގެންނެވެ.
ލާޒިއޯ އަށް އެއްވަރުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. މިއާއެކު އިމޯބިލޭ ވަނީ ލީގުގައި މިހާތަނަށް 28 ލަނޑުޖަހާފައެވެ. މިއީ އެޓީމުގެ ފެލިއްޕޭ ކައިސޭޑޯ އަށް ފިއޮރެންޓީނާގެ ގޯލްކީޕަރު ބާޓްލޮމިއޭ ޑްރަގޮސްކީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް، ލާޒިއޯ މޮޅުވި ލަނޑުޖަހައިދިނީ ލުއިސް އަލްބާޓޯ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ފިއޮރެންޓީނާގެ ޑުސާން ލަހޮވީ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. އަދި ރެފްރީއާ ޒުވާބުކުރުމުގެ ސަބަބުން ލާޒިއޯގެ ކޯޗު ސިމޯނީ އިންޒާގީ ވެސް ވަނީ ބެންޗުން ފޮނުވާލާފައެވެ.
ލީގުގައި މިރޭ ކުޅޭ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ރާއްޖޭގަޑިން 20:10 ގައި އޭސީ މިލާންއާ ދެކޮޅަށް އޭއެސް ރޯމާ ނިކުންނައިރު، ނަޕޯލީއާ ސްޕަލް ބައްދަލުކުރާ މެޗާއި، އުދިނޭޒީއާ ދެކޮޅަށް އެޓަލާންޓާ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 22:30 ގައެވެ. މިރޭގެ ފަހު މެޗުގައި ރަށުން ބޭރުގައި ޕާމާއާ ދެކޮޅަށް އިންޓަ ނިކުންނާނީ ރާއްޖޭގަޑިން ދަންވަރު 00:45 ގައެވެ.