އައިޑީ ކާޑުގެ މުއްދަތު ހަމަވިޔަސް އަންނަ ޖުލައި މަހުގެ ނިޔަލަށް ޚިދުމަތް ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.
ޑީއެންއާރުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހުން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަޑާލއިފަ އެވެ.
އެގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާތައް ލިބުމާއި ގުޅިގެން އެ ޑިޕާޓްމަންޓުން ވަނީ މި ހިނގާ ޖޫން މަހުގެ ނިޔަލަށް، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތަކަށާއި، އައިޑީ ކާޑު ނެތް ފަރާތްތަކަށްވެސް ޚިދުމަތް ފޯރުކޮށްދެމުން ދިއުމަށް އަންގައިފަ އެވެ.
ޑީއެންއާރުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެގޮތަށް ޢަމަލުކުރުމުގެ މުއްދަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ މަހުގެ ނިޔަލަށް، އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ޚިދުމަތް ލިބޭނެ އެވެ.