English Edition
Dhivehi Edition

ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލްއެއް “ނާރެސް”ގެ ނަމުގައި ތަޢާރަފްކުރަން ނިންމައިފިއެވެ.

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތަށް ފަރުމާ ކުރާ މި ޕޯޓަލް ޑީއެން އާރުން ބޭނުންކުރަން ނިންމާފައިވަނީ މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑު ދޫކުރުމާއި އަދި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. ހަމަ އެއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވޭނެއެވެ.

ނާރެސް ޕޯޓަލް އާއެކު އޮޕަރޭޝަން ކުރަނގި 2 ފެށުމުގެ ރަސްމިއްޔާތު ވެސް އޮންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މިއީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އިސްވެރިންނާއި، އަދި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނަށް ދަޢުވަތު އެރުވިގެން ކުރިއަށް ގެންދާ ރަސްމިއްޔާތެކެވެ.

ކޮވިޑް-19 އާއެކު ރާއްޖެ ފުރަބަންދުވުމާ ގުޅިގެން އައި މަޖުބޫރީ ޙާލަތުގައި ޑީއެންއާރުގެ މުޅި މަސައްކަތް އޮންލައިން ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ބެހެއްޓި ގާތް ގުޅުން މެދުކެނޑިފައިވާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ. އެއޮފީހުން ވިދާޅުވީ މިހާރު އައިޑީކާޑަށް ހަމައެކަނި އޮންލައިންކޮށް ހުށަހެޅޭއިރު، އާބާދީގެ ބޮޑު ބަޔަކަށް ލުޔެއް ލިބިގެންދިޔަކަމުގައިވިއަސް، އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުންފަދަ އެތައް ކަމަކަށް، ނާރެސް ޕޯޓަލް ގެ އެހީގައި ޙައްލު ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.