English Edition
Dhivehi Edition

މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް, އައި.ޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލަންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ކުރި އިއުލާނެއްގައިވަނީ 16 އޮކްޓޯބަރު 2022 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން ކުރި އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލާކަމަށެވެ

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބުނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށްޓަކައި އައި.ޑީ ކާޑު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ 01 ޑިސެމްބަރ 2022 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިއެވެ.

އިތުރަށް މި އިއުލާނުގައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 6 ޕްރޮޕޯސަލް ޝޯޓްލިސްޓް ކުރެވޭނެކަމަށާއި އެ ފަރާތްތަކުން ލަފާދޭ ކޮމިޓީއަށް ޕްރެޒެންޓޭޝަނެއްގެ ސިފައިގާ ކޮންސެޕްޓް ހުށަހަޅައިދޭންވާނެއެވެ. އަދި ކޮންސެޕްޓް ޕްރެޒެންޓޭޝަނަށްފަހު އެންމެ ރަނގަޅު ފަރާތެއް ހޮވައި، އެކޮންސެޕްޓްގެ މައްޗަށް ބިނާކޮށް އައި.ޑީ.ކާޑުގެ ދެފުށުގެ ތަފްޞީލީ ކުރެހުމެއް ފުރިހަމަކޮށް ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދެވޭނެކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

އައި.ޑީ.ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތަކަށް 200,000.00 ރުފިޔާގެ އިނާމެއް ލިބިގެންދާއިރު އައި.ޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ 3 ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އިއުލާނުގެ ލިންކް: https://www.gazette.gov.mv/iulaan/216446