English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން “ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޮވިޑް-19” މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސަރވޭއިން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ދައްކައިފިއެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ. މި ސަރވޭގެ ނަތީޖާ ދައްކާގޮތުން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން މިދިޔަ މާޗް 27 ން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާއިރު ކޮންމެ 10 ވިޔަފާރިއެއްގެ ތެރެއިން ހަތަރު ވިޔަފާރިއެެއްގެ މުޅި އާމްދަނީ ހުއްޓުނެވެ. ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ.

އެޗް.ޕީ.އޭ.އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ މި ސަރވޭގައި 2871 މީހުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން 2697 މީހެއްގެ ފަރާތުން ސަރވޭއަށް ބޭނުންވާ ފުރިހަމަ ބައިވެރިވުން ލިބިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. އެޗް.ޕީ.އޭއިން ވަނީ މި ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަަޢުލޫމާތުތަކުގެ ތަފާސް ހިސާބުތައް ހިމެނޭހެން ތިންވަނަ ރިލީޒް މިހާރު އާއްމުކޮށްފައެވެ.

އެކިކަހަލަ ވިޔަފާރި ހިންގާ ފަރާތްތަކަށް ޢާމްދަނީ ހޯދަމުންދިޔަ 16 އިންސައްތަ މީހުންނަށް ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު، ކޮންމެ 10 މީހަކުން 5 މީހެއްގެ ވިޔަފާރިއަށް ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ސަރވޭގެ ނަތީޖާއިން ދައްކައެވެ. އަދި ކޮންމެ 10 މީހަކުން 4 މީހެއްގެ ވިޔަފާރިން އެއްވެސް ޢާމްދަނީއެއް ލިބިފައިނުވާއިރު، ކޮންމެ 10 މީހަކުން އެކެއްގެ ވިޔަފާރިއަށް އަދި މާބޮޑު އަސަރެއްކޮށްފައިނުވާކަމަށް ސަރވޭގެ ބައިވެރިން ބުނެއެވެ.

ކޮވިޑް-19ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވުމުގެ ކުރިންވެސް މި ސަރވޭގައި ބައިވެރިންގެ ތެރެއިން ޢާމްދަނީ ހޯދުމަށް 71 އިންސައްތަ މީހުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އަދި 16 އިންސައްތަ މީހުން ތަފާތު ވިޔަފާރި ހިންގައިގެ ޢާމްދަނީ ހޯދަމުންދިޔައިރު، ކުއްޔާއި، ޕެންޝަން އަދި އެހެނިހެން ގޮތްގޮތުން 6 އިންސައްތަ މީހުންނަށް ޢާމްދަނީ ލިބިފައިވެއެވެ. އަދި ކޯވިޑް-19ގެ އައުމުގެ ކުރިންވެސް ސަރވޭގައި ބައިވެރިވި 7 އިންސައްތަ މީހުންނަށް ޢާމްދަނީއެއް ލިބިފައެއްނުވެއެވެ.

ވިޔަފާރިތަކަށާއި ފަރުދުންނަށް ލިބުނު މި ގެއްލުންތަކާ އެކު 65 ޕަސެންޓު މީހުން ބުނެފައި ވަނީ ހަރަދުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުުމަށް ބޮޑު ހުރަހެއް ކުރިމަތިވި ކަމަށެވެ. ކުޑަކޮށް އަސަރުކުރި ކަމަށް ނުވަތަ އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނީ 23 ޕަސެންޓު މީހުންނެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން ބުނީ އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.

ކޮވިޑާ ހެދި އިގްތިސާދީ، އިޖުތިމާއީ ގޮތުން ކުރި އަސަރު އަންދާޒާ ކުރަން އޮންލައިންކޮށް ކުރަމުން އަންނަ ސާވޭގެ ފުރަތަމަ ބުރުގެ ނަތީޖާ އިއްޔެ އާއްމުކުރި ސަރވޭގައި ބައިވެރިވި ގިނަ މީހުން ވަނީ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދީފައެވެ.

ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި އެޗް.ޕީ.އޭއިން އާއްމުކުރި ފުރަތަމަ ރިލީޒްގައި ސަރވޭގައި ބައިވެރިވި 94 އިންސައްތަ މީހުންނަށް ކޮވިޑް-19ގެ އަލާމާތްތައް ދެނެގަންނަން އެނގޭކަން ވަނީ ހާމަކޮށްފައެވެ. އަދި ދެވަނަ ރިލީޒްގައި ސަރވޭގެ ބައިވެރިން ކޮވިޑް-19އާއި ގުޅޭ މަޢުލޫމާތު ހޯދާ ގޮތްތަކާއި، އާބާދީގެ އެކި އުމުރުފުރާތަކުގެ މެދުގައި ސިއްހީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތްކަންކަމާއި، ވަޔަލެންސް އެޓް ހޯމް ނުވަތަ ގެވެށިއަނިޔާގެ ކަންބޮޑުވުން އޮތް މިންވަރާމެދު ބައިވެރިން ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.