English Edition
Dhivehi Edition
މަޔޯކާ ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލަލީގާ ގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 2-0 އިން މަޔޯކާ ބަލިކޮށް ރެއާލް މެޑްރިޑް އަލުން ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރެއާލަށް އަލުން އެއްވަނަ ލިބުނީ، ލީގުގައި މިދިޔަ ބުދަ ދުވަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބާސެލޯނާ މޮޅުވެ އެއްވަނަ މަގާމަށް ޖެހިލާފައިވަނިކޮށް އެ ޓީމުން ރޭގެ މެޗު ކާމިޔާބުކުރުމުންނެވެ. އޭގެކުރީން މި މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައި ސެވިއްޔާއާ ލަނޑެއްނުޖެހި އެއްވަރުވި މެޗަށް ފަހު ބާސެލޯނާ ދަމަހައްޓަމުން އައި އެއްވަނަ މަގާމު ވަނީ ރެއާލުން އަތުލާފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 31 މެޗަށް ފަހު ރެއާލްގެ އިތުރުން ބާސެލޯނާ އަށް 68 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރިލިބެނީ ހެޑް ޓު ހެޑް ރެކޯޑުންނެވެ. 55 ޕޮއިންޓާއެކު ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ސެވިއްޔާ އެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ނުކުޅޭއިރު، ސްޕެއިނުގެ އިތުބާރު މިޑްފީލްޑަރު އިސްކޯ ވަނީ އަނިޔާއަށް ފަހު މި މެޗަށް އެކުލަވާލި ސްކޮޑުން ޖާގަ ހޯދާފައެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ބަންދުކުރުމުން، އެ ޓީމުގެ މެޗުތައް މިހާރު ކުޅެމުން އަންނަ ބީ ޓީމުގެ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ބްރެޒިލްގެ ޒުވާން ވިންގާ ވިނީޝަސް ޖޫނިއާ އެވެ. އޭހެ ހަތަރު މިނެޓުފަހުން ރެއާލްގެ ލީޑް ފުޅާކުރުމަށް ވިނީޝަސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، މި ހާފުގައި އެ ޓީމުގެ ގަރެތު ބޭލް އާއި އެޑެން ހަޒާޑަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

މަޔޯކާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ރެއާލަށް ލިބުނު ހިލޭޖެހުމަކުން ލީޑް ފުޅާކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސް އެވެ. މިއީ ލީގުގައި ރާމޮސް ޖެހި 8 ވަނަ ލަނޑެވެ. މިއާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލްގެ އަދަދު ވަނީ 10 އަށް އަރާފައެވެ. ލަލީގާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ޑިފެންޑަރަކީ ވެސް ރާމޮސް އެވެ.

އޭގެފަހުން، މެޗުގެ 59 އާއި 61 ވަނަ މިނެޓުގައި މަޔޯކާގެ އެންޓޭ ބުޑިމިރް ފޮނުވާލި ހަމަލާތައް ރެއާލްގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއިރު، ލޯން އުސޫލުން މަޔޯކާ އަށް ކުޅެމުން އަންނަ ރެއާލްގެ ޓަކެފޫސޯ ކޫބޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މެޗު ނިމެން ދަނިކޮށް، ރެއާލްގެ ބްރާހިމް ޑިއާޒް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ މަޔޯކާގެ ގޯލްކީޕަރު މެނުއެލް މަތަކުރިއެވެ.

މީގެއިތުރުން، ރޭގެ މެޗުގެ 83 ވަނަ މިނެޓުގައި ކުޅެން ނިކުތް މަޔޯކާގެ ޒުވާން ފޯވާޑް ލޫކާ ރޮމޭރޯ ވަނީ ލަލީގާގެ ތާރީޚުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. ރޭގެ މެޗަށް ކުޅެން ނިކުތްއިރު އޭނާގެ އުމުރަކީ 15 އަހަރާއި 219 ދުވަހެވެ. މީގެކުރިން މި ރެކޯޑް އޮތީ 1939 ވަނަ އަހަރު ސެލްޓާ ވީގޯ އަށް ކުޅުނު ފްރަންސިސްކޯ ބާއޯ ރޮޑްރިގޭޒް އަތުގައެވެ. އޭރު އޭނާގެ އުމުރުން 15 އަހަރާއި 255 ދުވަހެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން ސެލްޓާ ވިގޯ މޮޅުވިއިރު ރަށުން ބޭރުގައި އޮސަސޫނާ ވަނީ އަލަވެސް 1-0 އިން ބަލިކޮށްފައެވެ.