English Edition
Dhivehi Edition

އެފްރިކާގެ ހުރިހާ ގައުމެއްގައި ވެސް މިހާރު ދަތިކަމެއްނެތި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ ލެބޯޓަރީތައް ގާއިމުކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ހާމަކޮށްފިއެވެ.

އެގޮތުން، ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ ރޯގާގެ ނުރައްކާ މިހާރުވެސް ބޮޑުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

“ވޭތުވެދިޔަ އެއް ހަފްތާގެ ތެރޭގައި މިވަނީ މިލިއަނެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. މީގެއިން ވެސް ދޭހަވަނީ މިހާރު ބަލީގެ ނުރައްކާ ބޮޑުވަމުންދާ އަވަސްމިން.” ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިނާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ނުރައްކާ އެފްރިކާ ބައްރުގައި ހިމެނޭ ގައުމުތަކަށް ވެސް ބޮޑުވަމުން އަންނައިރު މިހާތަނަށް 329،987 އެއްހާ މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން، 106،108 މީހުން ނިސްބަތްވަނީ ދެކުނު އެފްރިކާ އަށެވެ. މުޅި އެފްރިކާ އިން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 8،688 އެވެ.

މީގެއިތުރުން، މިހާތަނަށް އައިއިރު ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް 220 ފަރާތަކުން ކުރަމުން އަންނަ ކަމަށާއި ކުރިއަށްވުރެ ހަލުވި ސްޕީޑެއްގައި އެއްފަހަރާ ގިނަ ބަޔަކަށް ލިބޭނެ ވެކްސިނަކަށް ވެގެން ދާނެ ކަމަށް ވެސް ޓެޑްރޯސް ވިދާޅުވިއެވެ.

މުޅި ދުނިޔޭން ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 9.43 މިލިއަން މީހުން ޕޮޒިޓިވްވެ 482،048 މީހުން މަރުވެފައެވެ. ބަލިން ރަނގަޅުވެފައި ވަނީ 5،100،657 މީހުންނެވެ.