English Edition
Dhivehi Edition
ރޭގެ މެޗުގައި މެންޗެސްޓާ ސިޓީން ޖެހި ފަސްލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރި ފިލް ފޯޑެން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 5-0ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީން ތާވަލްގެ ތިންވަނައިގައި އުޅޭ ލެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ރޭގެ މެޗުން ހޯދީ ތިން ޕޮއިންޓާއެކު ސިޓީ ވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލްއާ ދެމެދު އޮތް ފަރަގު 20 ޕޮއިންޓަށް ކުޑަކޮށްފައެވެ. މިހާތަނަށް ކޮންމެ ޓީމެއް 30 މެޗު ކުޅުނުއިރު ލިވަޕޫލަށް 83 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެވަނައިގައި އޮތީ 63 ޕޮއިންޓާއެކު އެވެ. އޭގެ ނުވަ ޕޮއިންޓް ފަހަތުން ލެސްޓާ ތިންވަނައިގައި އޮތްއިރު، 51 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ޕޯޗުގަލް ތަރި ބެނާޑޯ ސިލްވާ ތަނަވަސްކުރި ފުރުޞަތަކުން 22 ވަނަ މިނެޓުގައި ލީޑްނަގައިދިނީ އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. މިއީ ބާންލީގެ ޕެނަލްޓީއޭރިޔާބޭރުގައި ހުރެ ފޯޑެން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް ކުޅެމުން އަންނަ އަލްޖީރިއާގެ ވިންގާ ރިޔާދު މާރޭޒް ވަނީ ފެނާންޑީނިއޯ ދިން ޕާހަކުން ރީތި ގޯލެއް ޖަހައި، ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ހާފުގެ އިތުރުވަގުތުގައި މާރޭޒް ވަނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ބާންލީގެ ޑިފެންދަރު ބެން މީ ކުރި ފައުލަކަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ބޯޅައެއް މަސައްކަތްކުރަން އުޅުމުގެ ތެރޭގައި އަގުއޭރޯ އަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ޖަހައިދިނީ އަބަދަށްފެހި މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ. މި މެޗުގައި ސިޓީން ޖެހި ފަހު ގޯލް، މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯޑެން އެވެ. މިއީ ކޮވިޑް-19 އަށް މެދުކަނޑާލި ލީގުގެ ކުޅުން އަލުން ފެށިގެން ސިޓީން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. އޭގަފަހުން، ސިޓީގެ ލީޑް ފުޅާކުރުމަށް ގެބްރިއެލް ޖެސޫސް އާއި ކެވިން ޑި ބްރޭނާ އަދި ރޮޑްރީގޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ލީގުގައި ސިޓީ އަށް ދެން އޮތީ މި މަހުގެ 25 ވާ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު އަމިއްލަ ދަނޑުގައި ބާންލީ ނިކުންނާނީ ވަޓްފޯޑްއާ ދެކޮޅަށެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން، ފުރަތަމަ މެޗުގައި ރާއްޖޭގަޑިން 22:00 ގައި ލެސްޓާއާ ބްރައިޓަން ހޯވް އެންޑް އެލްބިއަން ބައްދަލުކުރާއިރު، މިރޭގެ ފަހު މެޗުގައި ދަންވަރު 00:15 ގައި ލަންޑަން ޑާބީއެއްގައި ޓޮޓެންހަމް ހޮޓްސްޕާ ނިކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.