English Edition
Dhivehi Edition
ހުޅުމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އެޗްޑީސީ

އެއް ފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ، ކާބޯތަކެތި އުފެއްދުމަށް ޚާއްސަ ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ނިންމައި، އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ފެސިލިޓީ އަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް، ޚާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގަ ތިއްބަވައިގެން ކާބޯތަކެތި އުފައްދާ އަންހެންވެރިންނަށް އަމާޒުކޮށްގެން ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން އެ ކޯޕަރޭޝަނުން ޤާއިމްކުރާ ފެސިލިޓީއެއް ކަމަށެވެ.

އެހެންކަމުން ބީސީސީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް ޖުލައި 06 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އެކަމަށް ރަޖިސްޓަރ ވުމަށް ދައުވަތު އަރުވައިފަ އެވެ.

ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ހުންނަންޖެހޭ ވަކި ސްޓޭންޑަޑަކަށް ފެތޭގޮތަށް ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.