English Edition
Dhivehi Edition
ހުޅުމާލެ

ހުޅުމާލޭގެ ޓްރެފިކް ހާލަތު ރަނގަޅުކޮށް، ދިމާވާ ޓްރެފިކް މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެޗްޑީސީ އަދި ފުލުހުން ގުޅިގެން ހާއްސަ މަޝްވަރާތަކެއް ފަށައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި، މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެފައިވާ ކަމަށެވެ. އަދި މިކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އިދާރާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަޝްވަރާކޮށްފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ހުންނަ “ވިނަރެސް 2” ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކު ނިޔާވެފައި ވަނިކޮށެވެ.

އެ ހިތާމަވެރި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ހާދިސާ ހިނގީ ވިނަރެސް ހަތެއްގެ ކައިރިއަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ދެ ކާރެއް ވެސް ޓޯކޮށްފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި، ހާއްސަކޮށް ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.