English Edition
Dhivehi Edition
ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ މަޝްރޫއެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުން

ރާއްޖޭގެ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގައި ހިއްސާކުރާ މިންވަރު 15 ޕަސަންޓަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ މަޝްރޫއެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ‘ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ’ އިނީޝިއޭޓިވްގެ ދަށުން ދޭ މި އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށް ސޮއިކުރީ އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދުގައެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސަދު ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި މި މަޝްރޫއަކީ ސަރުކާރުގެ 15 ޕަސަންޓުގެ އިގުތިސާދީ ލަނޑުދަނޑި ހާސިލުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން މާލީ އެހީތެރިކަމުގެ އިތުރުން، ޒުވާނުންނަށް މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭނެއެވެ. އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ގުޅުމުގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ ‘ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ’ އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ވިޔަފާރި ފެށުމުން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިންގ މަރުހަލާއާ ހަމައަށް ބީސީސީގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި ހިންގާ މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ އެޕްލިކޭޝަން މަރުހަލާ ކުރިއަށްދާނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް، މުޅިން ޑިޖިޓަލްކޮށް، ފަސޭހަކަމާއެކުގައެވެ.

ޓެގު