ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނާކްޝީ ސިންހާ އޭނަގެ ޓްވިޓާ އެކައުންޓްގައިވާ ހަމިލިއަން ފޮލޯވަރުން ދޫކޮށް ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފިއެވެ.
އެކައުންޓް ޑީއެކްޓިވޭޓް ކޮށްފައި ސޮނާކްޝީ އިންސްޓަގްރާމް ގައި ބުނެފައިވަނީ، އޭނަގެ ދިރިއުޅުމަށް ދިމާވާ ހުރިހާ ނޭދެވޭ އަސަރުތަކާ ދުރަށް ދިޔައީކަމަށެވެ. ހަމިލިއަން ފޮލޯވަރުން ނާއެކީ ފާއިތުވި ދިހަ އަހަރު ހޭދަކުރީ ހުރިހާ މީހުންނަށް ވަރަށް އިތުބާރުކޮށްގެން ކަމަށްވެސް އޭނަ ބުނެފައި ވެއެވެ.
“ހަގީގަތުގައި ބަޔަކަށް ހީވާކަހަލަ އެމީހުންނަށް ކަމެއް ކާމިޔާބް ވެއްޖޭ. އަސްލު ކާމިޔާބު ލިބުނީ އަހަންނަށް. އަހަރެން މިހާރު ތިހުރިހާ އެންމެންނަށް މަގޭދިރިއުޅުމުގެ ކަންތައް ތައް ހިއްސާކުރުމަށް ދިން އެކްސެސް މިނަގާލީ. އަހަރެންނަށް މިގޮތްމާރަނގަޅު. އަހަރެން ދެކެ ރުޅިއަންނަ އަދި އަހަންނަށް މަލާމަތް ކުރާއެންމެނަށް އެދެނީ ލޯތްބާއި ކާމިޔާބު. ދެން ކިތަންމެ ރުޅިއަޔަސް އަހަންނަކަށް އެމަންޒަރު ނުފެންނާނެ. ތިއެންމެން ދިންލޯތްބާއި ސަޕޯޓުން އަހަންނަށް މިހައިހިސާބަށް އާދެވުނީ، އަދިވެސް ދާނީ ކުރިއަށް. އަހަރެން އެދެނީ ކޮންމެ ދިމާލަކުންވެސް ތިއެންމެންގެ ލޯތްބާއި އަޅާލުން ވީހާވެސް ގިނަބަޔަކަށް ދިނުމަށް. ލޯތްބަކީ ހުރިހާ ކަމެއްގެ ވެސް ޖަވާބު.” ސޮނާކްޝީގެ މެސެޖްގައި ބުނެފައި ވެއެވެ.
މިމަހު 14 ވަނަދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕުޓްގެ މަރަށް ފަހު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންގެ އިތުރުން މަޝްހޫރު އާއިލާތަކުން ބޮލީވުޑަށް ނިކުތް ތަރިންގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު ވަނީ އަޅައިފައެވެ. އެގޮތުން ބޮލީވުޑްގެ ޑައިރެކްޓަރުން އިސްކަންދެނީ މަޝްހޫރު އަދި ނުފޫޒުގަދަ އާއިލާތަކުގެ ތަރިން ކުރިއެރުވުމަށް ކަމަށާއި ސުޝާންތް ފަދަ އެހެން އަވަށް ތަކުން ބޮލީވުޑާއި ގުޅިފައިވާ ތަރިން ބޭކާރުކޮށް ނިކަމެތި ކޮށްފައިވާ ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.
އުމުރުން 33 އަހަރުގެ ސޮނާކްޝީ ސިންހާ އަކީ ކުރީގެ ފިލްމީ ތަރިން ކަމަށްވާ ޝަރުޚާން ސިންހާ އަދި ޕޫނަމް ސިންހާ އަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިއެވެ. ސޮނާކްޝީ އަށް ވުރެ ދޮށްޓަށް އެއްމާބަނޑު ދެފިރިހެނުން ތިބެއެވެ. ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބުޖް:ދަ ޕްރައިޑް އޮފް އިންޑިއާ ނަމަކަށް ކިޔާފިލްމަކުންނެވެ.