ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް 2-1 އިން ބަލިކޮށް ރެއާލް މެޑްރިޑް ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުން ރަށުން ބޭރުގައި ސެވިއްޔާއާ ލަނޑެއްނުޖެހި އެއްވަރުވުމުން ރޭގެ މެޗަށް ރެއާލް ނިކުތްއިރު ތިން ޕޮއިންޓް ހޯދައިގެން ރެއާލަށް އެއްވަނަ އަށް އެރުމުގެ ފުރުޞަތު އޮތެވެ. ރެއާލުން އެއްވަނަ އަށް ޖެހިލީ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުނ އެއްވަރުވެ، ހެޑް ޓު ހެޑް ރެކޯޑުން ކުރިހޯދައިގެންނެވެ. މި ދެ ޓީމަށް ވެސް މިހާތަނަށް ކުޅުނު 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ވެސް 52 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރިލިބެނީ އެތުލެޓިކޯ އަށެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން 3-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ވެލެންސިއާ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެޑެން ހަޒާޑާއި ލުކާ މޮޑްރިޗް އަދި ފާލަން މެންޑީގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ ވިނީޝަސް ޖޫނިއާ އާއި ހަމޭސް ރޮޑްރިގޭޒްގެ އިތުރުން މާސެލޯ އަށެވެ.
ސޮސިއެޑާޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ރެއާލުން ލީޑްނެގީ ކެޕްޓަން ސާޖިއޯ ރާމޮސް ވައްދާލި ޕެނަލްޓީއަކުންނެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިނީޝަސް އަށް ސޮސިއެޑާޑްގެ ކުޅުންތެރިއަކު ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ރާމޮސް ވަނީ ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ޑިފެންޑަރުންގެ ލިސްޓުގެ ކުރިއަށް ޖެހިލާފައެވެ. ރާމޮސް އެންމެ ކުރީގައި އުޅެނީ 68 ގޯލް ޖަހައިގެންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ކޮވިޑް-19 އަށް މެދުކަނޑާލި ލީގުގެ ކުޅުން އަލުން ފެށިފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ. ސޮސިއެޑާޑްގެ ކުޅުންތެރިން ވަނީ މި ގޯލް ޖެހުމުގެ ކުރީން ބެންޒެމާ ބޯޅަ ކޮންޓްރޯލް ކުރީ އަތުން ކަމަށް ބުނެ އެޕީލްކޮށްފައެވެ. އެހެންކަމުން މި ގޯލް ވެސް ރެފްރީ ގަބޫލުކުރަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހުގައެވެ.
ސޮސިއެޑާޑުން މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، މި ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ރޮބާޓް ލޮޕޭޒް ދިން ބޯޅައަކުން މިކޭޅް މެރީނޯ ވައްދާލި ގޯލާއެކު ފަރަގު ކުޑަކުރިނަމަވެސް އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތެއްނުވިއެވެ.
ލީގުގައި ރޭ ކުޅުން އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސެލްޓަ ވީގޯ އިން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލަވޭސް ބަލިކޮށް ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލިއިރު، ވެލެންސިއާ ވަނީ 2-0 އިން އޮސަސޫނާ އަތުން މޮޅުވެފައެވެ.