English Edition
Dhivehi Edition

ޒީނަތްތެރިވުމަށް ނޫނީ ހަންގަނޑު ރީތި ކުރުމަށް ބައެއްތަކެތި މޫނުގައި އުނގުޅުމުގެ އާދަކާދަ އަޅުގަނޑުމެންގެ ތެރޭގައި އޮވެއެވެ. މޫނަކީ އެންމެ ފުރަތަމަ މީހުން ލޮލުގައި އަޅައިގަންނަ ތަނަކަށް ވާއިިރު މޫނޫރީތި ކުރުމަށް ތަފާތު އެއްޗިހި ބޭނުން ކުރާއިރު އޭގެ ހަގީގަތް އެނގެން ޖެހެއެވެ. ހަންގަނޑަކީ ނާޒުކު އެއްޗަކަށް ވާއިރު ހަންގަނޑާ ނުގުޅޭ ތަކެތި ބޭނުން ކުރުމުން ބައެއްފަހަރު ބައެއްކަހަލަ ހިތާމަތަކާވެސް ކުރިމަތިލާންޖެހެއެވެ. އެގޮތުން ހަންގަނޑު ހަލާކުވުން ހިމެނެއެވެ. ތިރީގައި އެވަނީ އެއްގޮތަކަށް ވެސް މޫނުގައި އުނގުޅަން ރަނގަޅު ނޫން އެއްޗިއްސެވެ.

ހޫނުފެން

ހޫނުފެނަކީ ބައެއްފަހަރު އަހަރެމެން މޫނުދޮންނަން ބޭނުން ކުރާފެނެކެވެ. ނަމަވެސް ހަގީގަތަކީ ހޫނުފެނުން މޫނަށް ކުރާނެ ފައިދާ އެއްނެތުމެވެ. ހޫނުފެން ބޭނުން ކުރުމުން ހަންގަނޑުގެ ތެތްކަން ގެއްލި ހިކެއެވެ. ނަތީޖާ އަކަށްވަނީ ހަންގަނޑު ކުރަކިވެ ހަލާކުވުމެވެ. އެހެން ކަމުން އެއްގޮތަކަށްވެސް ހޫނުފެނުން މޫނު ނުދޮންނާށެވެ.

ސައިބޯނި

މިއީ ހައިރާންވާވަރުގެ ވާހަކަ އަށްވެދާނެއެވެ. ސައިބޯނިން މޫނު ދޮތުމުން ހަންގަނޑު ހިކި ކުރަކިވެ އަދި ހިރުވައި ފާރުވާ ފަހަރުވެސް އަންނާނެއެވެ. ސައިބޯންޏަކީ އެއްގޮތަކަށްވެސް މޫނު ދޮންނަން ރަނގަޅު އެއްޗެއް ނޫނެވެ. ސައިބޯނީގެ ތެރޭގައި މޫނަށް ހާއްސަކޮށްގެން އުފައްދާފައިވާ މައިލްޑް ސައިބޯނިތައް ހުރެއެވެ. ނަމަވެސް އާދައިގެ ސައިބޯނިން މޫނު ދޮތުން ހުއްޓާލާށެވެ.

ބޮޑީލޯޝަން

ތަނަކަށް ދާން ލަސްވެގެން އުޅޭ ވަގުތުގައި ނޫނީ މޮއިސްޗަރައިޒިންގ ކްރީމެއް ނެތް ނަމަ ބައެއް މީހުން މޫނު މޮއިސްޗަރ ކޮށްލމުގެ ބޭނުމުގައި މޫނުގައި ލޯޝަން އުނގުޅައެވެ. ލޯޝަނަކީ އޭގައި ގިނައަދަދަކަށް ތެލާއި ފްރެގްރެންސް އެކުލެވިގެންވާ އެއްޗެކެވެ. ލޯޝަންގައި ހުންނަ ތެލުން މޫނުގައި ބިހިނެގުމާއި އޭގައި ހުންނަ ފްރެގްރެންސް އިން ހަންގަޑު އެލާޖިކްވެއެވެ.

ލުނބޯ

ލޮބޮލަކީ އޭގައި ބާރުގަދަ “ހުތް” އެކުލެވޭ އެއްޗަކަށް ވުމުން މޫނުގައި ލުނބޯ އުނގުޅުން ރަނގަޅެއް ނޫނެވެ. އޭގައި ހިމެނޭ ހުތުން މޫނުގެ ހަންގަޑު އަނދައިގެންދެއެވެ. ލުނބޮލުގެ ބަދަލުގައި މޫނުގައި ޓޮމާޓޯ ފޮތި ނޫނީ އަލުވި ފޮތިކޮށްފައި ތަތް ކުރުމަށްފަހު އިރުކޮޅަކުން ނަގާލާށެވެ.

ޝަވާޖެލް އާއި ޝޭމްޕޫ

ބޯދޮންނައިރު މޫނަށް ޝޭމްޕޫ އެޅޭގޮތްވެއެވެ. މާބޮޑަށް މިކަން ފާހަނގަ ނުވިޔަސް ޝޭމްޕޫ އިން މޫނުގެ ހަންގަނޑު ހިކެއެވެ. ޝަވާޖެލް އަކީވެސް އެއްގޮތަކަށްވެސް މޫނުގައި އުނގުޅަށް ރަނަގޅު އެއްޗެއްނޫނެވެ. ސައިބޯންޏެކޭ އެއްފަދައިން މީގައި އެކުލެވޭ ބާރުގަދަ ކެމިކަލް ތަކުން މޫނުގެ ހަންގަނޑު ހަލާކުވެއެވެ.