English Edition
Dhivehi Edition
ބާންލީ އަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޖޯ ހާޓް. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ގޯލްކީޕަރު ޖޯ ހާޓްގެ އެއްބަސްވުން އާނުކުރަން އޭނާގެ މިހާރުގެ ކްލަބު ބާންލީ އިން ނިންމައިފިއެވެ.

2018 ވަނަ އަހަރު މެންޗެސްޓާ ސިޓީން 3.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ބާންލީ އަށް ބަދަލުވި ހާޓް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

އުމުރުން 33 އަހަރުގެ ހާޓް އަށް ބާންލީ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުނީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހު އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅެ 5-1 އިން ބަލިވި މެޗަށް ފަހުގައެވެ. އޭގެފަހުން، މިހާތަނަށް އައިއިރު ބާންލީގެ ފުރަތަމަ އެގާރައިން އޭނާ އަށް ޖާގަ ލިބިފައިވަނީ އެންމެ ތިން މެޗުންނެވެ.

މިވަގުތު ބާންލީގެ އެއްވަނަ ގޯލްކީޕަރުގެ މަގާމު ފުރަމުން އަންނަ ނިކް ޕޯޕް މޮޅުކުޅުމެއް ދައްކަމުން އަންނައިރު، ބަދަލު ކީޕަރުކަމަށްވާ އުތުރު އަޔާލެންޑްގެ އުމުރުން 23 އަހަރުގެ ބެއިލީ ޕީކޮކް-ފަރެލް އަށް ވެސް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަލިބިފައިނުވާއިރު، އަދި މިހާތަނަށް އެންމެ މެޗެއްވެސް ކުޅެފައެއްނުވެއެވެ.

ސިޓީން 2012 އާއި 2014 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ހާޓް ވަނީ އިނގިރޭސި ލީގުގެ އެންމެ މޮޅު ކީޕަރަށްދޭ ގޯލްޑަން ގްލޯވް ވެސް ހަތަރު ފަހަރު ހޯދާފައެވެ. އޭނާ އަށް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުނީ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމާ ގުޅުނު ހިސާބުންނެވެ. އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް 75 މެޗު ކުޅެދީފައިވާ ހާޓް ވަނީ 2012 އާއި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެފައެވެ.