ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ އިތުބާރު މިޑްފީލްޑަރު ފްރެންކީ ޑިޔޮންގެ ފައިގެ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއްގައި ނުކުޅެވޭނެކަމުގެ ބިރު ހީވެއްޖެއެވެ.
ބާސެލޯނާ އިން މިއަދު ނެރުނު ބަޔާނެއްގައިވާގޮތުން، ޑިޔޮންގެ ކަނާތުފައިގެ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް އަދި ނޭނގުނު ނަމަވެސް އެ ޓީމުގެ ގިނަ މެޗުތަކެއް ގެއްލޭނެކަމަށް ވެއެވެ. ޑިޔޮން އަށް އަނިޔާވީ ލީގުގައި މި މަހުގެ 13 ވަނަ ދުވަހު މަޔޯކާ އަތުން 4-0 އިން މޮޅުވި މެޗުގައެވެ.
އުމުރުން 23 އަހަރުގެ ޑިޔޮން އަށް ލިބިފައިވާ މި އަނިޔާގެ ސަބަބުން ލީގުގައި އެ ޓީމު އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ނުކުޅެއެވެ. މި ސީޒަނަށް ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އިން 75 މިލިއަން ޔޫރޯ އަށް ބާސެލޯނާ އިން ގެނައި މި ކުޅުންތެރިޔާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި، މުހިއްމު ކުޅުންތެރިއަކަށްވެފައެވެ.
އެގޮތުން، ލީގުގައި އެންމެފަހުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ލެގަނޭސްއާ ބައްދަލުކުރި މެޗުގައިވެސް ބާސެލޯނާގެ މެދުތެރޭގައި ޑިޔޮން ނެތްތަން ފޫބެއްދޭގޮތެއްނުވިއެވެ. އޭގެނަތީޖާއެއްގެ ގޮތުން، ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުމުން ބާސެލޯނާގެ ލީޑް ވަނީ ގެއްލިފައެވެ.
ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލި، ލީގު އަލުން ފެށިފަހުން މިހާތަނަށް ކުޅެވުނު މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅޭ ބާސެލޯނާ އަށް 30 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 52 ޕޮއިންޓް ލިބިފައިވާއިރު، ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ލަނޑުގެތަފާތުން ހަތަރުވަނައިގައި އޮތީ ސެވިއްޔާ އެވެ.
ލީގުގައި ބާސެލޯނާ އަށް ދެން އޮތީ މި މަހުގެ 24 ވާ ބުދަދުވަހު އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އެރޭ ދަންވަރު 1:00 ގައެވެ.