އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 2-1 އިން އާސެނަލް ބަލިވިއިރު، ވަޓްފޯޑްއާ ދެކޮޅަށް ރަށުން ބޭރުގައި ލެސްޓާ ވަނީ 1-1 އިން އެއްވަރުވެފައެވެ.
ލީގުގައި މިރޭ ކުޅުނު މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި 29 މެޗުން 82 ޕޮއިންޓާއެކު އުޅެނީ ލިވަޕޫލެވެ. ދެވަނައިގައި 60 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ލެސްޓާ އެވެ. މިރޭގެ މެޗުން ބަލިވި އާސެނަލް އުޅެނީ 40 ޕޮއިންޓާއެކު ލީގުގެ ނުވަ ވަނައިގައެވެ.
އާސެނަލުން މިރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން މިދިޔަ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސިޓީ އަތުން 3-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި އަނިޔާވި ޕަބްލޯ މާރީ އާއި ގްރެނިޓް ޒާކާގެ އިތުރުން އެ މެޗުގައި ރަތް ކާޑު ދެއްކި ޑޭވިޑް ލުއިޒް މިރޭގެ މެޗުގައި ކުޅެފައެއްނުވެއެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މި ހާފުގައި ލަނޑުޖެހުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އާސެނަލްގެ ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސާކާ އަށެވެ. މެޗުގެ 8 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން ސާކާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އާސެނަލަށް އިތުރު މައްސަލަތައް ކުރިމަތިވީ ޖަރުމަނުގެ ގޯލްކީޕަރު ބާންޑް ލެނޯ އަށް އަނިޔާވެ ބަދަލުކުރަންޖެހުމުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
އާސެނަލުން މި މެޗުގެ 68 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، އޭގެ ހަތް މިނެޓުފަހުން ބްރައިޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލުވިސް ޑަންކް އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ބްރައިޓަން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ނީލް މޯޕޭ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަށުން ބޭރުގައި ވަޓްފޯޑް ކޮޅަށް އިނގިރޭސި ފުލްބެކް ބެން ޗިލްވެލް ވައްދާލި ރީތި ގޯލާއެކު ލެސްޓާ މޮޅުވާން ދަނިކޮށް، އެންމެ ފަހު މިނެޓުގައި އެއްވަރުކޮށްދިނީ ކްރެއިގް ޑޯސަން އެވެ.
ލީގުގައި މާދަމާ ކުޅޭ މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ނިކުންނަ މެޗާއި، މާސޭސައިޑް ޑާބީގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.