English Edition
Dhivehi Edition

ތަފާތު އެކި ކަންކަމާއި އަދި ދުވަސްވަރާ ގުޅިގެން ތަފާތު ފެޝަން ތައް އުފެދި އެ ފެޝަންތައް ވައިގައި ހިފާތަން ފެނެއެވެ. ހަމަ މި ބީދައިން ކޮވިޑް 19 އާއި ގުޅުވައިގެން އުފަންވި އެންމެ ފަހުގެ ފެޝަނަކީ ފޭސްކު މާސްކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަޅާ ހެދުމަކާއި ގުޅުވައިގެން ތަފާތު އެކި ކުލަކުލައަށް މާސްކު ތައްޔާރުކޮށް ވިއްކަމުން އަންނައިރު މިދުވަސްވަރު އެންމެ ޑިމާންޑް ބޮޑު އެކައްޗަކަށް ވެފައި މިއޮތީ މާސްކެވެ.

ތަފާތު އެކި ކުލަކުލައިގެ އަދި ތަފާތު ޑިޒައިންތަކުގެ މާސްކާއެކު ތަފާތު އެކި މެސެޖްތައް ލިޔެފައިވާ މާސްކުތައް ފެންނަމުން އަންނައިރު އަތްތެރިމަސައްކަތް ދައްކުވައިދޭ މާސްކާއި ތަފާތު އެކި ފަންނު ދައްކުވައިދޭ މާސްކުގެ އިތުރުން އެކި އުމުރުތަކަށް ޚާއްޞަ މާސްކު ދަނީ ފެންނަމުންނެވެ. ހަމަ މިއާއެކު ފެޝަންޑިޒައިނަރުންގެ އަގުބޮޑު ރީތި މާސްކުތައް ވެސް ބާޒާރަށް ދަނީ ނެރެމުންނެވެ.

ބޮޑެތި ހަފްލާ ތަކާ ގުޅުވައިގެން ވެސް ފޭސް މާސްކު ތައްޔާރުކޮށް އެއީ ވެސް ހެދުމުގެ އެއްބައި ކަމުގައި ވަނީ ވެފައެވެ. އެގޮތުން ދުނިޔޭގެ ބައެއް ބޮޑެތި ބްރައިޑަލް ސްޓޯރ ތަކުގައި ކައިވެނީގެ ހެދުމާއެކު އަގުބޮޑު ފޭސްމާސްކު ތައްޔާރުކޮށް އިޝްތިހާރު ކުރާތަން ފެނެއެވެ.

މާސްކުގެ ވިޔަފާރިއާއެކު ޔޫޓިއުބުގައި ވެސް މިހާރު އެންމެ ގިނައީ މާސްކު ފަހާނެ ގޮތް ދަސްކޮށްދޭ ޓިއުޓޯރިއަލް ތަކެވެ. މި ފަދަ ވީޑީއޯތައް ބަލައިގެން އަލަށް ފަހަން ދަސްކޮށް މާސްކުގެ ވިޔަފާރިން އާމްދަނީ ހޯދަމުންދާ މީހުންވެސް މަދެއް ނޫނެވެ. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމުތަކުގައި މާސްކު އިޝްތިހާރުކޮށް ވިއްކަމުން އަންނައިރު މިއީ ފަސޭހައިން ވިއްކާލެވޭ އަދި ރަނގަޅު އާމްދަނީއެއް ލިބޭ އެއްޗަކަށް މި އޮތީ ވެފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އަލަށް އުފަންވި މި ފެޝަނަކީ ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ހަމަ އެންމެ އެދެވޭ ގޮތް ކަމަށް ބެލިދާނެއެވެ. ނަމަވެސް ފެޝަނުގެ ގޮތުގައި ބޭނުންކުރުމަށް އަމިއްލަ ފަރާތްތަކުން ފަހާފައި މި ވިއްކާ މާސްކުތަކަކީ ސާޖިކަލް މާސްކު ނުވަތަ އެން 95 މާސްކު ހައި ރައްކާތެރި އެއްޗަކަށް ނުވެއެވެ. އެހެން ނަމަވެސް މިފަދަ މާސްކު ތަކުގެ ސަބަބުން ވެސް ބަލި ޖެހުމުގެ ރިސްކު ކުޑަކޮށްދެއެވެ. އަނގަމައްޗާއި ނޭފަތް ނިވާކޮށްދެއެވެ. ކުރިމަތީގައި ހުންނަ މީހަކު ކިނބިއްސެއް އެޅުމުން ނުވަތަ ކެއްސުމުން ބުރައިގެން ދާ ކުޅުން ސަލާމަތް ކުރެވެއެވެ.

އިންސްޓާގްރާމުގައ ތަފާތު ސްޓާރުންނާއި މަޝްހޫރު މީހުން ފޭސް މާސްކު އިޝްތިހާރު ކުރަމުން އަންނައިރު މަޝްހޫރު ބްރޭންޑްތަކުގެ މާސްކު އަގުބޮޑުވެފައި ރީއްޗެވެ. މިގޮތުން އޮފްވައިޓް ލޯގޯ ފޭސް މާސްކެއް ސަތޭކަ ޑޮލަރުން މަތީގެ އަދަދެއްގައި އުޅޭ އިރު އެމޭޒަން ފަދަ ބޮޑެތި ވިޔަފާރި ސައިޓް ތަކުގައި މިހާރު އެންމެ ހިނގާ އެކައްޗަކީ ފޭސްމާސްކެވެ.

ދާދި ފަހުން ކައިލީ ވެސް ވަނީ ކޮވިޑް 19 އާއި ގުޅުވައިގެން ކައިލީގެ ޚާއްޞަ ފޭސް މާސްކެއް ލޯންޗުކޮށްފައެވެ. 14 ޑޮލަރާއި 28 ޑޮލަރުގެ ރޭޓެއްގައި މި މާސްކު ގަންނަން ލިބޭއިރު ކައިލީ މާސްކުގެ 2 ޑިޒައިނެއް ވަނީ ތައާރަފްކޮށްފައެވެ.

ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފޭސްމާސްކު ތައްޔާރު ކުރާ މީހުން އެންމެ އިސްކަން ދެނީ ކާޓޫނު ކެރެކްޓަރ ޖަހާފައިވާ ފޭސްކު މާސްކު ތައްޔާރު ކުރުމަށެވެ. އެގޮތުން އެންމެ ފަހުގެ ކާޓޫން ކެރެކްޓަރ ނުވަތަ ކޮންމެވެސް ކަހަލަ ދިރޭ އެއްޗެއްގެ ސިފަ ގެނެސްދީގެން ކުޑަކުދިންނާ ގުޅޭ ގޮތަށް މާސްކު ތައްޔާރު ކުރުމަށް ފަހު އިޝްތިހާރު ކުރަމުންދާތަން ފެެނެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ތަންތަން ހުޅުވި ބޭރުތެރެއަށް ނިކުންނަ އިރު ކޮންމެ މީހަކުވެސް މާސްކެއް ހޯދަން މިވަނީ ޖެހިފައެވެ. ވަކިން ޚާއްޞަކޮށް ވަޒީފާއަށް ދާއިރު މާސްކު އަޅައިގެން ދިއުމާއި ސްކޫލަށް ދަރިވަރުން ފޮނުވާއިރު މާސްކު އަޅުވާފައި ފޮނުވުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އަންގަވަމުންނެވެ. އަދި ދަރިވަރުން އަޅާ މާސްކުތަކުގައި ހުންނަން ޖެހޭނެ ޝަރުތުތަކާއި ގަވާއިދުތައްވެސް ދަނީ އަންގަވަމުންނެވެ. ފެޝަނަކަށް ވުރެ ބޮޑަށް މާސްކުގެ ބޭނުން ކުރަންވީ ތިމާގެ ރައްކާތެރިކަމަށް ވިސްނުމަށް ފަހުގައެވެ.

އެގޮތުން ބޭނުންކުރާ މާސްކަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ ނޭވާލާން ފަސޭހަ ފޮއްޗަކުން ފަހާފައި ހުންނަ މާސްކަށް ވުމާއި ފަސޭހައިން ފެން ނުފާއްދާ ފޮތްޗަކުން ބޭރުފަށަލަ ހަދާފައިވާ މާސްކަކަށް ވާން ޖެހެއެވެ. ހަމަ މިއާއެކު މާސްކަކީ އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް ފަހާފައި ހުންނަ މާސްކެއް ކަމުގައި ވުމާއި 3 ފަށަލަ ހުންނަ ގޮތަށް ފަހާފައިވާ މާސްކު ކަމަށް ވުން ވެސް މުހިއްމެވެ.

ފެޝަނަކަށް ވުރެ ބޮޑަށް މާސްކުގެ ބޭނުން ކުރަންވީ ތިމާގެ ރައްކާތެރިކަމަށް ވިސްނުމަށް ފަހުގައެވެ.