English Edition
Dhivehi Edition
ފްރެއިބާގް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާން މިޔުނިކުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަން ބުންޑެސްލީގާ ގައި މިއަދު ކުޅުނު މެޗުން މޮޅުވެ ބަޔާން މިޔުނިކުން ލީޑް ދެމެހެއްޓިއިރު، ބޮރޫޝިއާ ޑޯޓްމަންޑުން ދެވަނަ މަގާމު ދިފާއުކޮށްފިއެވެ.

ބުންޑެސްލީގާގެ ޗެމްޕިއަންކަން ވިދިވިދިގެން 8 ވަނަ ފަހަރަށް ކާމިޔާބުކޮށްފައިވާ ބަޔާނުން އަމިއްލަ ދަނޑުގައި 3-1 އިން ފްރެއިބާގް ބަލިކުރިއިރު، ޑޯޓްމަންޑުން ވަނީ ދެވަނަ މަގާމަށް ވާދަކުރަމުން އައި އާރްބީ ލީޕްޒިގު އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެފައެވެ.

މިއަދުގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ ބަޔާނަށް 33 މެޗުން 79 ޕޮއިންޓް ހޯދާފައިވާއިރު، އޭގެ 10 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޑޯޓްމަންޑް އެވެ. ތިންވަނައިގައި އުޅޭ ލީޕްޒިގަށް 63 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ލިބިފައިވަނީ 62 ޕޮއިންޓެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗު ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި އެ ޓީމަށް ލީޑްނަގައިދިނީ ޖޯޝުއާ ކިމިޗް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ބަޔާންގެ ޕޯލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ދެލަނޑުޖަހައި، ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

އާރްބީ ލީޕްޒިގްއާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން.–ފޮޓޯ: ބުންޑެސްލީގާ

މި މެޗުގައި ޖެހި ދެ ގޯލާއެކު ލެވަންޑޯސްކީ ވަނީ ލީގުގައި މިހާތަނަށް 33 ލަނޑުޖަހައި، ބުންޑެސްލީގާގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ބިދޭސީ ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ. މިއާއެކު މި ސީޒަނުގައި ބަޔާނަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 47 އަށް އަރާފައެވެ. މިވަގުތު ޔޫރަޕްގެ ގޯލްޑަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސް ލެވަންޑޯސްކީ އެވެ.

ލީގުގައި އެންމެފަހުން ޑޯޓްމަންޑް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މައިންޒް އަތުން 2-0 އިން ބަލިވި ނަމަވެސް، މިއަދު ކުޅެވުނު ވަރުގަދަ މެޗުގައި ލީޕްޒިގު ކޮޅަށް އެ ޓީމުން ޖެހި ލަނޑުވެސް ވައްދާލީ ނޯވޭގެ ޒުވާން ފޯވާޑް އާލިން ހާލަންޑެވެ. މިއާއެކު އުމުރުން 19 އަހަރުގެ ހާލަންޑު ވަނީ މިދިޔަ ޖަނަވަރީ މަހު ޑޯޓްމަންޑަށް ބަދަލުވިފަހުން ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގައި 13 ލަނޑުޖަހާފައެވެ.

ބުންޑެސްލީގާގައި މި ހަފްތާގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޝާލްކާ އަތުން 4-1 އިން ވުލްފްސްބާގް މޮޅުވިއިރު، ހޮފެންހެއިމް ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔޫނިއަން ބާލިން ބަލިކޮށްފައެވެ. މީގެއިތުރުން، ޕެޑަބޯން އަތުން 3-1 އިން މޮންޗެންގްލަޑްބަކް މޮޅުވިއިރު، ބަޔާ ލެވަކޫސަން ވަނީ 2-0 އިން ހާތާ ބާލިން އަތުން ބަލިވެފައެވެ.

މި މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ލީގުގެ އެންމެ ފަހު މެޗުތަކުގައި ބަޔާނުން ރަށުން ބޭރުގައި ވުލްފްސްބާގާ ދެކޮޅަށް ނިކުންނައިރު، އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ނިކުންނާނީ ހޮފެންހައިމްއާ ދެކޮޅަށެވެ.