English Edition
Dhivehi Edition

ބުންޑެސްލީގާގެ ފުރަތަމަ މެޗުގައި ބޮރޫޝިއާ މުންޗެންގްލަޑްބަކްއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، ބަޔާންގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މުންޗެންގްލަޑްބަކްގެ ދަނޑުކަމަށްވާ ބޮރޫޝިއާ ޕާކްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގައި އަލަސާނޭ ޕްލެއާ މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން ލާސް ސްޓިންޑެލް ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ބަޔާނަށް އެއްވަރުކޮށްދިނީ ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލެވަންޑޯސްކީ އެވެ.

ދެވަނަ ހާފުގައި ބަޔާން މޮޅުކޮށްދިނުމަށް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މުންޗެންގްލަޑްބަކްގެ ކެޕްޓަން ސްޓިންޑެލް އަށް ލިބުނު ފުރުޞަތުވެސް ވީބޭކާރެވެ.

ރޭގެ މެޗުގައި ވައްދާލި ގޯލާއެކު ބަޔާންގެ ޕޯލެންޑްގެ ފޯވާޑް ލެވަންޑޯސްކީ ވަނީ ސީޒަންގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ލަނޑުޖަހައި ރެކޯޑެއް ގާއިމްކޮށްފައެވެ. މީގެއިތުރުން، މިއީ ލީގުގައި އޭނާ އެންމެ ފަހުން ކުޅުނު 11 މެޗުގައި ޖެހި 18 ވަނަ ލަނޑެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި އެއިންޓްރަކް ފްރެންކްފާޓްއާ ބައްދަލުކުރާއިރު ރަށުން ބޭރުގައި ބަޔާ ލެވަކޫސަން ނިކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.