ޖަރުމަން ކަޕް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ދެވަނަ ޑިވިޝަނުގެ ހޯލްސްޓެއިން ކިއެލް އަތުން 5-0 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑުން އެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
އަންނަ ސީޒަނުގައި ޖަރުމަން ބުންޑެސްލީގާގައި ވާދަކުރުމުގެ ފުރުޞަތު ބޮޑުކޮށްފައިވާ ކިއެލް ޓީމުން މި ފަހަރުގެ ޖަރުމަން ކަޕްގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި ވަނީ ކާމިޔާބު ހޯދާފައެވެ.
މީގެއިތުރުން، ރޭގެ މެޗާއި ކުރިމަތިލިއިރު ކިއެލް ޓީމަށް ދެވަނަ ޑިވިޝަނުގައި ކުޅެން އޮތް ހަތަރު މެޗެއް ކޮވިޑް-19ގެ ކޭސްތަކެއް ސަބަބުން ފަސްކުރެވިފައިވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި އެ ޓީމުން ވަނީ ދެ ފަހަރެއްގެ މަތީން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކޮށްފައެވެ.
ރޭގެ މެޗުގައި ޑޯޓްމަންޑުން ކާމިޔާބުކުރި ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ އުއްމީދީ މިޑްފީލްޑަރު ޖިއޮވާނީ ރޭނާ ދެލަނޑުޖެހިއިރު އަނެއް ލަނޑުތައް ޖަހައިދިނީ ކެޕްޓަން މާކޯ ރޮއިސް އާއި ތޯގަން ހަޒާޑްގެ އިތުރުން ޖޫޑް ބެލިންހަމް އެވެ.
މި މެޗުގައި އަނިޔާގެ ސަބަބުން ޑޯޓްމަންޑްގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް ނުކުޅެއެވެ. އެހެންނަމަވެސް، އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ ވަނީ މެޗުގެ 90 މިނެޓު ފުރިހަމަކޮށްފައެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ޑޯޓްމަންޑުން މި މަހުގެ 13 ވާ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޖަރުމަން ކަޕްގެ ފައިނަލްގައި ނިކުންނާނީ އާރްބީ ލީޕްޒިގާ ދެކޮޅަށެވެ.
ލީޕްޒިގުން މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ހުކުރުދުވަހު ކުޅެވުނު ސެމީގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 2-1 އިން ވާޑާ ބްރޭމަން ބަލިކޮށްގެންނެވެ. އެ މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްފައިވަނީ އިތުރުވަގުތުގެ ދެ ހާފުގައެވެ.