English Edition
Dhivehi Edition
ޖަރުމަންގެ ބަޔާ ލެވަކޫސަންގެ އުއްމީދީ މިޑްފީލްޑަރު ކާއީ ހާވާޓްޒް. --ފޮޓޯ: އޭޕީ

ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުނުވުމަށް ޖަރުމަނުގެ އުއްމީދީ މިޑްފީލްޑަރު ކާއީ ހާވާޓްޒްގެ ކިބައިން އޭނާގެ ކްލަބު ބަޔާ ލެވަކޫސަންގެ ކުރީގެ ފޯވާޑް ޑިމިޓާ ބާބަޓޯވް އެދިއްޖެއެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 21 އަހަރުގެ ހާވާޓްޒް އަކީ މިޑްފީލްޑްގެ އިތުރުން ފޯވާޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރު ކުޅުންތެރިއެކެވެ. އެގޮތުން، ހާވާޓްޒް ވަނީ މި ސީޒަނުގައި ލެވަކޫސަނަށް މިހާތަނަށް ކުޅުނު 40 މެޗުގައި 16 ގޯލްޖަހައި، އިތުރު 9 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ލެވަކޫސަންގެ އިތުރުން ޖަރުމަނުގެ ގައުމީ ޓީމުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ހާވާޓްޒް އަށް ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. އޭނާ ގެންދިއުމަށް ޝައުގުވެރިވާ ކްލަބްތަކުގެ ތެރޭގައި ރެއާލްގެ އިތުރުން ބަޔާން މިއުނިކާއި ލިވަޕޫލާއި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ބާސެލޯނާ ވެސް ހިމެނެއެވެ.

އެހެންނަމަވެސް، ލެވަކޫސަން އަދި ޔުނައިޓެޑަށް ކުރީން ކުޅުނު އިތުބާރު ފޯވާޑް ބާބަޓޯވް ދެކޭގޮތުގައި ހާވާޓްޒްގެ ޑިވެލޮޕްމަންޓަށް މިވަގުތަށް އެންމެ މުހިއްމީ މިހާރުގެ ކްލަބާއެކު ޖަރުމަނުގައި މަޑުކުރުން ކަމަށެވެ.

“ކާއީ ހާވާޓްޒްގެ ފަރާތުން ފެންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ. އެގޮތުން، ރެއާލް ފަދަ ބޮޑެތި ކްލަބުތަކުންވެސް އޭނާ އަށް ޝައުގުވެރިވޭ. އެކަމަކު، އަހަރެންނަށް ފެންނަ ގޮތުގައި މިވަގުތަށް ބަލާއިރު ހާވާޓްޒް އަށް އެންމެ ރަނގަޅު ގޮތަކީ ރެއާލްގެ ހުށަހެޅުމަށް ފުރަގަސްދިނުން.” ބެޓްފެއާ އަށް ދިން އިންޓަވިއުއެއްގައި ބާބަޓޯވް ބުންޏެވެ.

ބާބަޓޯވް އިތުރަށް ބުނީ ރެއާލުން ބޭނުންވާ ޑިމާންޑާ އެއްވަރަށް ގިނަ ކުޅުންތެރިންނަށް އެއްފެންވަރެއްގައި ހިފަހައްޓާލަން އުނދަގޫ ކަމަށާއި، މެންޓަލީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެނުވީ ކުޅެވޭވަރުގެ ކްލަބެއް ނޫން ކަމަށެވެ. އެހެންނޫންނަމަ، ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި، މިސާލަކަށް ލުކާ ޔޮވިޗް އާއި އެޑެން ހަޒާޑްގެ އިތުރުން ތިބައުޓް ކޯޓުއާ އަށް ވެސް އެ ޓީމަށް ބަދަލުވެ ފުރަތަމަ ދުވަސްތަކުގައި ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވާކަމަށެވެ. އަދި ވޭލްސްގެ ތަރި ގަރެތު ބޭލް އަށް މިހާރު ވެސް އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ރެއާލަށް މިހާތަނަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް އެތައް ފަހަރަކު އުނދަގުލާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

މިހާރު އުމުރުން 39 އަހަރުގެ ބާބަޓޯވް ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ލެވަކޫސަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ކްލަބުގައި އޭނާ ހޭދަކުރީ ފަސް ސީޒަނުގައި 202 މެޗު ކުޅެދީ 91 ލަނޑުޖަހާފައިވެއެވެ. އޭގެފަހުން، ބާބަޓޯވް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާގެ އިތުރުން ޔުނައިޓެޑާއި ފުލަމް އަށް ވެސް ކުޅެފައެވެ. އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގާއި، ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ހޯދާފައިވާއިރު، ލީގު ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ބާބަޓޯވްގެ އިތުރުން މީގެކުރީން ލެވަކޫސަން އަދި ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު މައިކަލް ބަލަކް ވެސް ވަނީ ހާވާޓްޒްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގައި ގޯހެއް ނުހެދުމަށާއި މިވަގުތު މިހާރުގެ ކްލަބުގައި މަޑުކުރުން މުހިއްމު ނަމަވެސް ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ބޮޑު ކްލަބަކަށް ބަދަލުވެވޭނެ ފުރުޞަތުލިބޭނެ ކަމަށް ބުނެފައެވެ.