މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނަތުގެ މައްސަލަ މި ސަރުކާރަކަށް ނުބެލޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
MMPRC ge massala misarukaarakah nubeleyene. Misarukaaruge isverinnaai MDP ge MPs e corruption gai ves himeney. RN jalun salaamaiy kurumashaai mi sarukaaru verikamah gennan ves MMPRC ge faisaa beynun kurikamah aammun thuhumathu kurey. Corruption ah zero tolerance vanee failvefai.
— Adam Shareef Umar (@Adamshareefz) June 19, 2020
އެ ޓްވީޓްގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އެ ޚިޔާނާތުގައި މި ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ޖަލުން ސަލާމަތް ކުރުމަށާއި މި ސަރުކާރު ވެރިކަމަށް ގެންނަންވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކުރި ކަމަށް އާންމުން ތުހުމަތުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ވަނީ ފެއިލްވެފައި”، އެ ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.
އާދަމް ޝަރީފް މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ބުނެފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުންވެސް ނަތީޖާއެއް ނުނުރެވޭ ކަމަށެވެ.
މީގެ އިތުރުން ރޭ “ރާއްޖެ ޓީވީ”ގެ “ފަލަ ސުރުޚީ” ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޕީޖީ އޮފީސް ‘ކޮމްޕްރޮމައިޒް’ވެދާނެ ކަމުގެ ބިރު އުފެދެމުންދާ ކަމަށެވެ.
އަދި މަޖިލީހުގެ ސުޕާމެޖޯރިޓީ އަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށްވެއްޖެ ކަމަށް ވިދާޅުވަމުން އާދަމް ޝަރީފް ވަނީ ޕީޖީގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށްވެސް ގޮވާލައްވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ. މި މައްސަލަ ތަޙުޤީޤުކޮށް ޚިޔާނާތުގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.