English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ކުރީގެ ވަޒީރު އާދަމް ޝަރީފް

ސަރުކާރުގެ ކެބިނެޓަށް މިއަދު އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވައި، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މަގާމުން ވަކިކުރައްވައިފިއެވެ.

ކުރީގެ ހެލްތް މިނިސްޓަރު ނާޒިމް

މިއަދަކީ މި ސަރުކާރުގެ ކެބިނެޓަށް އެންމެ ބޮޑު ލޮޅުމެއް އައި ދުވަހެވެ. މިއަދުގެ މިހާތަނަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިސްތިއުފާ ދެއްވާފައިވާއިރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. އެހެންކަމުން މިއަދު އެކަނިވެސް ޖުމްލަ ފަސް ވަޒީރަކު ވަނީ މަގާމުން ވަކިވެފައެވެ.

މިހާ ގިނަ އަދަދެއްގެ ވަޒީރުން އެއްފަހަރާ މަގާމުން ވަކިވުމާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ބޭފުޅުންގެ ބަދަލުގައި އައްޔަންކުރައްވާނެ އައު ވަޒީރުންނަކީ ކޮބައިކަންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކެބިނެޓަށް މިފަދަ ކުއްލި އަދި ބޮޑު ބަދަލެއް އައިސްފައިވަނީ ސަރުކާރުގެ ބައެއް ދާއިރާތައް ހިނގަމުންދާ ގޮތާމެދު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.