English Edition
Dhivehi Edition

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ނަމަވެސް ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ދަތުރު ކުރުމާއި ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގުވިދާޅުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު، ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުތައް ހުއްޓާލުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެ ދަތުރުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ސަރުކާރަށް ގޮވާލަައިފަ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވާފައިވަނީ ނޮވެމްބަރު 1، 2016 ގައެވެ. އަދި ކޮލަމްބޯއިން ގަމަށް ދަތުރުތައް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮލޮމްބޯ އާއި ގަމާ ދޭތެރޭގެ ދަތުރުތައް ފައްޓާފައިވަނީ އެ ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީ އާއި ދެކުނު ގައި ދިރިއުޅޭ ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި އިތުރު ލުއިތައް ހޯދާދިނުމުގެ މަގުސަދުގައިކަމަށެވެ. އަދި ދެކުނުގެ ސަރަޙައްދުގެ ޓޫރިޒަމް އިތުރަށް ވަރުގަދަކޮށް ތަރައްގީ ކުރުމާއި ވިޔަފާރިތަކަށް ވެސް ލުއި ފަސޭހަތައް ހޯދައިދިނުމުގެ ވެސް މަގުސަދުގައިކަމަށެވެ.

“އެ ދަތުރުތައް ހުއްޓާލުމުން، އެ ސަރައްހަދުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގައި އިތުރު ދަތިތައް ކުރިމަތިވުމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދަށާއި ޓޫރިޒަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ “ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސްރީލަންކަންއިން ގަމަށް ކުރާ ދަތުރުތައް ކުރުމަށް އަދި އެއްވެސް ގޮތެއް ނިންމިފައި ނުވަނީ ފާއިތުވި ތިން އަހަރުގެ ތަޖުރިބާއަށް ބަލާއިރު އެކަށީގެންވާ ވަރަށް ޕަސެންޖަރުން ނުލިބުމާއި އައްޑޫ ސިޓީ އެކަނި ހިމަނައިގެން އެކަށީގެންވާ އަދަދަށް ފަސެންޖަރުން ނުލިބޭނެތީކަމަށް ފިރާގުވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ގޮތުން ކުރެއްވެވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މީގެ ކުރިންވެސް ގަމުން ކޮލަމްބޯ އަށް ދަތުރުތައް ކުރަމުން އައިސްފައިވަނީ އެއްވެސް ފައިދާއެއް ނުލިބި ކަމަށެވެ.

ނަމަވެސް ހުވަދު އަތޮޅާއި އައްޑޫ ގަމާއި ދެމެދު ޝެޑިއުލް ޑޮމެސްޓިކް ފްލައިޓުން ގުޅާލެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ އަދިވެސް އިންތިޒާރު ކުރަނީ ދަތުރުތައް ފެށިގެން ދާނެ ކަމަށް ކަމަށް ފިރާގު ވިދާޅުވެއެވެ. އަދި މިފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ގައުމީ އެއާރލައިގެ އިންޓަނޭޝަނަލް ދަތުރުތައްވެސް ގަމަށް ފެށިދާނެ ކަމަށް ފިރާގުވަނީ ވިދާޅުވެފައެވެ.

ފިރާގު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަނެވުނުހާ އަވަހަކަށް މޯލްޑިވިއަންއިން ގަމަށް އިންޓަނޭޝަނަލް ދަތުރުތައް ފެށޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.