ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.
ގާސިމް އިބްރާހިމް އަނބުރައިގެނެގެން ކުރިމިނަލް ކޯޓުގެ ތެރެއަށް ވެއްޓުނީ ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވަން މެންދުރު ބޭއްވި އަޑުއެހުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
އަނބުރައި ގަނެގެން ވެއްޓުމާ ގުޅިގެން އޭނާ މިހާރު ވަނީ އެމްބިއުލެންސްގައި އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި އިމަޖެންސީގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ. ގާސިމް ކޯޓުން ނެރެގެން އެމްބިއުލެންސަށް އެރުވީ ސްޓްރެޗަރުގަ އެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން ވެސް ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެ އެވެ.
ގާސިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އެ އަޑުއެހުންތަކާ ގުޅޭ ތަފުސީލުތަކެއް މީޑިއާއަކަށް ނުލިބެ އެވެ. ނަމަވެސް މިއަދުގެ މެންދުރުގެ ފަހުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހެޅުއްވުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާނީ ހުކުމް އިއްވުމުގެ ޝަރީއަތް ކަމަށް އޮތީ ބެލެވިފަ އެވެ. ދައުވާ ސާބިތުވެއްޖެނަމަ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ގާސިމްގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އޭނާއަށް ރާއްޖެ އިން އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށެވެ.