ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަތޮޅުތަކުގެ ބައްދަލުވުންތައް ފަށައިފި އެވެ.
ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން މިރޭ ކުރިއަށްގެންގޮސްފައި ވަނީ ހއ. އަތޮޅުގެ ރަށްރަށުގައި ޕީޕީއެމް/ޕީއެންސީގައި އިސްކޮށް މަސައްކަތް ކުރައްވާ މަންދޫބުންނާ އެކީގައި ކަމަށެވެ.
ކޯލިޝަނުން ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޯލިޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި، އަތޮޅުތަކުގެ މަންދޫބުން އެރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
“އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ވަރަށް ގިނަ އުދާސްތަކެއް ހުރިކަން ފާހަގަކުރައްވާ، މި ސަރުކާރާ ދެކޮޅަށް އިޚްތިޖާޖްކުރުމަށް ލީޑާޝިޕުން ހުށަހެޅުއްވި”، އެ ބަޔާނުގައި ވެއެވެ.
މީޣެ އިތުރުން އިދިކޮޅު ޕާޓީއެއް ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކޯލިޝަންގެ ލީޑާޝިޕުން ވަނީ މަންދޫބުންނަށް ދެއްވާފައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ޖޫން 14 ގައި ކޯލިޝަންގެ ކައުންސިލް ބައްދަލުވުމުން ނިންމާފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ބާއްވާ އިޙްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ލީޑާޝިޕުން މަޢުލޫމާތު ދެއްވި ކަމަށްވެސް ބަޔާނުގައި ވެއެވެ.