English Edition
Dhivehi Edition
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އެންއީއޯސީގެ ބައްދަލުވުމެއްގައި - ފައިލް ފޮޓޯ: ފިނޭންސް މިނިސްޓްރީ

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖީއެސްޓީ ޤާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 01 އޭޕްރީލް 2020 އާއި 30 ސެޕްޓެންބަރު 2020 އާއި ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ ކަމުގައި ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި މިގޮތަށް ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނީ، މީގެ ފަހުން އެ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މީރާ އަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށްވެސް އިލްތިމާސްކޮށްފަ އެވެ.