ދައުލަތަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި މަސައްކަތުގެ ތެރެއިން، ނޯޓިސް ފޮނުވައިގެން އެކަނިވެސް މިދިޔަ މަހު 302 މިލިއަން ރުފިޔާ ހޯދައިފި އެވެ. އެ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން ނުދައްކާ ހުރި ފައިސާގެ ބޮޑުބައެއް މިދިޔަ މަހު ވަނީ ދައުލަތަށް އަނބުރާ ލިބިފަ އެވެ.
މީރާއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު ޖުމްލަ 497 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ ނޯޓިސް ފޮނުވައިގެން ހޯދި 302 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 105 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސް މެދުވެރިކޮށް 77 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މީގެ އިތުރުން ވެސް ގާނޫނީ އެކި އުސޫލުތަކުގެ ތެރެއިން ފައިސާ ހޯދުމަށް މީރާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ޓެކްސް ދައްކަން ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުން ހަތް މިލިއަން ރުފިޔާ ލިބިފައިވާއިރު، އެކައުންޓް ފްރީޒްކޮށްގެން 4.60 މިލިއަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ދަށުން 0.89 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މިދިޔަ މަހު މީރާއިން ބަލައިގަތް ޖުމްލަ އާމްދަނީ އަކީ 2.42 ބިލިއަން ރުފިޔާ އެވެ. އެ އޮތޯރިޓީގެ ހިސާބުތަކަށް ބަލާއިރު، ލިބުނު ޖުމްލަ އާމްދަނީގެ 14.8 ޕަސަންޓަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ 3.01 ޕަސަންޓު ހިއްސާކުރަނީ ނުދައްކައި ހުރި ފައިސާ ހޯދުމަށް ކުރި ހާއްސަ މަސައްކަތްތަކުން ލިބުނު ފައިސާ އެވެ.
ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަށް މީރާއިން ފިޔަވަޅުތައް އަޅަމުން އަންނައިރު، މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީ އަކީ އަންދާޒާކުރި ވަރަށް ވުރެ 24 ޕަސަންޓު އިތުރު އަދަދެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ނުދައްކައި ހުރި ޓެކުހާއި އެހެނިހެން ފީތައް ހޯދުމަށް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވަރުގަދަކުރަމުން ގެންދާނެ ކަމަށް މީރާއިން ބުނެ އެވެ.