English Edition
Dhivehi Edition
މީރާގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ މީރާ

މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ދާދި ފަހުން ގެނައި 8 ވަނަ އިސްލާހާ ގުޅިގެން، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ޖީއެސްޓީ ރޭޓަށް އަދި ޓެކްސް ދައްކާ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

 

ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި އިސްލާހުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ގާނޫނުގެ ދަށުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތަކުގެ އިތުރުން ބުކިން ޕްލެޓްފޯމްތަކުން ރާއްޖޭގައި ވިއްކާ ޓޫރިޒަމް ޕްރޮޑަކްޓްތަކުން މީރާއަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ.

 

މީރާއިން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ މުދާ ނުވަތަ ހިދުމަތް ބޭނުންކުރާ ގައުމެއްގައި ޓެކްސް ނެގުމަށް އަމަލުކުރާ “ޑެސްޓިނޭޝަން ޕްރިންސިޕަލް” ގެ މައްޗަށް ބިނާކޮށެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ. މި އުސޫލުގެ ދަށުން، ރާއްޖޭގައި ބޭނުންކުރުމަށް ފޯރުކޮށްދޭ ހިދުމަތެއް ނަމަ، އެ ހިދުމަތެއް ވިއްކާ ފަރާތް ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް ދައުލަތަށް ޓެކްސް ދައްކަން ލާޒިމުވާނެއެވެ.

 

ޓޫރިޒަމް ސިނާއަތަށް އަމާޒުކޮށް މި ބަދަލުތައް ގެނައި ނަމަވެސް، ރާއްޖޭގެ އެތެރޭގައި ހިންގާ ވިޔަފާރިތަކަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަން މީރާއިން ފާހަގަކުރިއެވެ. އެ ފަރާތްތަކުން ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް ޖީއެސްޓީ ބަޔާން ހުށަހަޅައި، ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

 

ގާނޫނަށް ގެނައި މި ބަދަލާއެކު، މީރާގެ ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން، އަލަށް ޖީއެސްޓީ ދައްކަން ޖެހޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި، އެ ފަރާތްތަކުން ޓެކްސް ދައްކާނެ އިޖުރާއަތުތައް ކަނޑައެޅުމުގެ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މީރާއިން ބުންޏެވެ.