English Edition
Dhivehi Edition
ގޯލްޑެން ބޯއީ އެވޯޑަށް ނޮމިނޭޓްވި ލިސްޓުގައި ހިމެނޭ އާލިން ހާލަންޑް (ކ)، ގެބްރިއެލް މާޓިނެއްލީ (ކ-2)، ޖޭޑަން ސަންޗޯ (މ) އާއި ބިލީ ގިލްމޯ (ވ-2) އަދި މޭސަން ގްރީންވުޑް (ވ). --

ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ ޔޫރަޕިއަން ގޯލްޑެން ބޯއީ އެވޯޑަށް ނޮމިނޭޓްވި 100 ކުޅުންތެރިންގެ ލިސްޓް ހާމަކުރިއިރު، މި ފަހަރުވެސް ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ އާއި އާލިން ހާލަންޑް ހިމެނިއްޖެއެވެ.

އިޓަލީގެ ނޫހެއްކަމަށްވާ ޓުޓޯސްޕޯޓް އިން 2003 ވަނަ އަހަރުން ފެށިގެން ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމަށްފަހު ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑަށް މިދިޔަ އަހަރު ވެސް ސަންޗޯ އާއި ހާލަންޑް ނޮމިނޭޓްވި ނަމަވެސް ޕޯޗުގަލްގެ ތަރި ޔާއޯ ފެލިކްސްގެ ކުރިހޯދޭގޮތެއް ނުވިއެވެ.

މީގެއިތުރުން، މި ފަހަރުގެ އެވޯޑް ހާސިލްކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ މި ދެ ކުޅުންތެރިން ގުޅިގެން މިހާތަނަށް މި ސީޒަނުގައި 31 ގޯލް ޖަހައިދީފައިވާއިރު، މި އެވޯޑް ދެން ހޯދުން އެންމެ ގާތް ކުޅުންތެރިޔާ ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއްދައްކައި މިހާތަނަށް އެ ޓީމަށް 14 ލަނޑުޖަހާފައެވެ. މި ފަހަރު ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ގްރީންވުޑް އާއެކު ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޖެލް ގޯމެސް އާއި ޖޭމްސް ގާނާ ވެސް ހިމެނެއެވެ.

މިފަހަރުގެ ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ޕްރިމިއާ ލީގަށް ނިސްބަތްވާ އިތުރު ކުޅުންތެރިންގެ ތެރޭގައި، މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އާއި އެރިކް ގާސިއާ އަދި އާސެނަލްގެ އަރަމުން ތަރިން ކަމަށްވާ ގެބްރިއެލް މާޓިނެއްލީ އާއި ބުކާޔޯ ސާކާ އަދި ވިލިއަމް ސަލީބާގެ އިތުރުން ޗެލްސީގެ ބިލީ ގިލްމޯ އާއި ކެލުމް ހަޑްސަން-އޮޑޯއީ އަދި ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ހިމެނެއެވެ. މީގެއިތުރުން، އެމެރިކާގެ ޒުވާން ތަރިން ކަމަށްވާ ސާޖިއޯ ޑެސްޓް އާއި ޖިއޮވާނީ ރޭނާ އަދި ބަޔާން މިއުނިކްގެ އުއްމީދީ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.

މީގެ 16 ވަރަކަށް އަހަރު ކުރީން ދޭން ފެށި މި އެވޯޑް އެންމެ ފުރަތަމަ ހޯދީ އޭރު އަޔެކްސް އަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އެވެ. އޭގެފަހުން، ޖެހިގެންއައި ދެ އަހަރު މި އެވޯޑް ހާސިލްކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

މީގެކުރީން މި އެވޯޑް ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އާއި ނޭމާ އަދި އެޑިންސަން ކަވާނީގެ އިތުރުން ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ރަހީމް ސްޓާލިން އަދި ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ކުރިން އާސެނަލް އާއި ބާސެލޯނާ އަދި ޗެލްސީ އަށް ކުޅުނު ފްރާންސެސްކް ފަބްރެގާސް އަދި ރެއާލް މެޑްރިޑްގެ އިސްކޯ ހިމެނެއެވެ.

ގޯލްޑެން ބޯއީ އެވޯޑަށް ނޮމިނޭޓްވީ ބައެއް ކުޅުންތެރިން:

  • އަންސޫ ފާޓީ (ބާސެލޯނާ)
  • ރޮޑްރީގޯ (ރެއާލް މެޑްރިޑް)
  • ވިނީޝަސް ޖޫނިއާ (ރެއާލް މެޑްރިޑް)
  • ރަޔާން ސެސެނިޔޯން (ޓޮޓެންހަމް ހޮޓްސްޕާ)
  • އޮލިވާ ސްކިޕް (ޓޮޓެންހަމް ހޮޓްސްޕާ)
  • ސެޕް ވެން ޑެން ބާގް (ލިވަޕޫލް)