English Edition
Dhivehi Edition

ރާއްޖޭގައި އަދި ދުނިޔޭގައި ވެސް އެންމެގިނަ ބަޔަކު ސަޕޯޓުކުރާ ކުޅިވަރަކީ ފުޓްބޯޅައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަމަޔަގީނުން ވެސް ރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުން ހިރަފުސް ފޮޅާލާއިރު، ރާއްޖޭގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ތިބިކަމީ އެއްވެސް މީހަކު ދެބަސްނުވާނޭ ހަގީގަތެކެވެ.

އަތޮޅުތަކުގެ ރަށްތަކުގެ އަތިރިމަތިން، ރުށްދަނޑުތަކުން ފުޓްބޯޅަ ކުޅެމުން އައިސް ފުރަމާލޭގެ ޓީމުތަކުން އެފަދަ ކުޅުންތެރިން ފެންނަމުންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ. އެފަދަ ކުޅުންތެރިންގެ އެންމެބޮޑު ހުވަފެނަކަށްވާނީ ގައުމީ ޖާރޒީގައި ގައުމު ތަމްސީލުކޮށްލަން ފުރުޞަތު ލިބުމެވެ.

އެގޮތުން ގއ. ދާންދޫ، އެރޯމާ / އަހްމަދު ނަސީމް ނުވަތަ ފުޓްބޯޅައިގެ ނަމުންނަމަ “އައްމަޑޭ” އަކީ ވެސް އެފަދަ ޒުވާނެކެވެ. ދާންދޫ ރައްކަނާ ސްޓޭޑިއަމުން ފުޓްބޯޅަ ކުޅެންފެށި ދާންދޫ އައްމަޑޭ މިހާރުމިވަނީ ދިވެހި ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައެވެ.

ރަށުގައި ފުޓްބޯޅަ ކުޅެން އުޅެނިކޮށް މީހުންގެ ލޮލުގައި އަޅައިގަނެ މާލޭގެ ‘ކްލަބް އީގަލްސް’ އިން ޖާގަ ލިބުމުން ދެން އޭނާގެ ހުވަފެނަކަށްވީ ގައުމީ ޖާރޒީގައި “ދާންދޫ” ތަމްސީލުކޮށްދޭށެވެ. އެ ހުވަފެނުގައި މިއަދު މިވަނީ ކުލަ ޖެހިފައެވެ. އީގަލްސް ގައި އައްމަޑޭ ދައްކަމުންދާ ހުނަރުވެރި ކުޅުމާއެކު، ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް މިރޭ ބައްދަލު ކުރާ މެޗަށް ދިވެހި ގައުމީ ކޯޗު ނެގި ސްކޮޑުގައި އައްމަޑޭ ހިމެނިގެން ދިއުމަކީ މުޅި ހުވަދު އަތޮޅު ވެސް ފަޚުރުވެރިވާނެ ކަމެކެވެ.

އެކަން ފާހަގަކޮށް ދާންދޫ ކައުންސިލުން ބުނެފައިވަނީ އައްމަޑޭ ފުރަތަމަ ފަހަރަށް ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި މިއީ އެރަށުގައި ކުޅުންތެރިން އުފެއްދުމަށް މަސައްކަތްކުރާ ކޯޗުންނާއި އޮފިޝަލުންނާއި ޚާއްސަކޮށް ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ލިބިގެންދާ ވަރަށްބޮޑު ފިލާވަޅެއް ކަމަށެވެ.

“އައްމަޑޭ އަށް އައްސަރިބަހާއި ސާބަސް. މި ކައުންސިލުން އެދެނީ އައްމަޑޭ އަށް ކުރިއެރުމާއި ކާމިޔާބީއަށް. ދާންދޫގެ ކުޅިވަރުގެ ޢާއިލާގެ އެންމެހާ ފަރާތްތަކަށް މި ފުރުޞަތުގައި ޝުކުރު ދަންނަވަން.” ދާންދޫ ކައުންސިލުގެ އެފްބީ ޕޭޖުގައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭއޯ ނިއުސްގެ ފަރާތުން ވެސް އެދެނީ އައްމަޑޭއަށް ފުޓްބޯޅައިން ދެވެން އޮތް އެންމެމައްޗަށް ދިއުމުގެ މަގު ތަނަވަސްވުމަށެވެ.

“އަހަރެންގެ ޢަޒުމާ އުއްމީދަކީ ފުޓްބޯޅައިން މުޅި ގައުމަށް ފައިދާ ކޮށްދޭނަން” ކަމުގައި ހަދާށެވެ. އުފަން ރަށާއި ޤައުމު ފަޚުރުވެރިވާ ފަދަ ކުޅުންތެރިއަކަށް ވާށެވެ.