English Edition
Dhivehi Edition
ބޮރޫޝިއާ މޮންޗެންގްލަޑްބަކް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާން މިއުނިކްގެ ލެއޮން ގޮރެޓްޒްކާ (ކ) އާއި ބެންޖަމިން ޕަވާޑް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަން ބުންޑެސްލީގާ ގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ލެއޮން ގޮރެޓްޒްކާ ޖަހައިދިން ގޯލާއެކު އަމިއްލަ ދަނޑުގައި 2-1 އިން ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް، ލީގު ކަށަވަރުކުރަން ބަޔާން މިއުނިކުން ތިން ޕޮއިންޓާ ގާތަށް ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއަށްފަހު ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ބަޔާނަށް ލިބިފައިވަނީ 73 ޕޮއިންޓެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 66 ޕޮއިންޓާއެކު ދެވަނައިގައެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އާރްބީ ލިޕްޒިގެވެ. ހަތަރުވަނައިގައި އޮތް މޮންޗެންގްލަޑްބަކް އާއި ފަސްވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ބަޔާނުން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑާ ގުޅިގެން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ރޮބަޓް ލެވަންޑޯސްކީ އާއި ތޯމަސް މުލާ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުމެވެ. ލީގުގައި މިހާތަނަށް އައިއިރު މި ދެ ކުޅުންތެރިން ގުޅިގެން 60 ގޯލް ޖެހުމަށް އެހީތެރިވެދީފައިވެއެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗެ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މޮންޗެންގްލަޑްބަކްގެ އިތުބާރު ފޯވާޑް މާކަސް ތުރާމް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރަންޖެހުމުން މައްސަލަތައް ކުރިމަތިވިނަމަވެސް، އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ޓީމުގެ ޖޯނަސް ހޮފްމަން ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ގޯލެއް ނޫން ކަމަށް ނިންމާފައެވެ. އޭގެފަހުން، ތުރާމްގެ ބަދަލުގައި ކުޅެން ނިކުތް ބްރީލް އެމްބޯލޯ އަށް ލަނޑުޖެހުމަށް ހުސް ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

އޭގެނަތީޖާއެއްގެ ގޮތުން، މެޗުގެ 26 ވަނަ މިނެޓުގައި ބަޔާންގެ ޒުވާން ފޯވާޑް ޖޯޝުއާ ޒިރްކްޒީ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. މިއީ މޮންޗެންގްލަޑްބަކްގެ ގޯލްކީޕަރު ޔަން ސޮމާ އަށް ހެދުނު ގޯހެއްގެ ފައިދާނަގާ ޒިރްކްޒީ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމެން 8 މިނެޓަށްވެފައިވަނިކޮށް، ބަޔާންގެ ފްރާންސް ޑިފެންޑަރު ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ވަތް ގޯލަކުން މޮންޗެންގްލަޑްބަކް އެއްވަރުކުރިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެސް މޮންޗެންގްލަޑްބަކް އިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ބަޔާންގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދައި، 1-1 އިން މި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 86 ވަނަ މިނެޓުގައި ޕަވާޑް ދިން ބޯޅައަކުން ޖަރުމަން މިޑްފީލްޑަރު ގޮރެޓްޒްކާ އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަވަނަ ގޯލެވެ.

ޖަރުމަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފަހުވަގުތު އާލިން ހާލަންޑް ވައްދާލި ލަނޑުން ޑުސެލްޑޯފްގެ މައްޗަށް 1-0 އިން ޑޯޓްމަންޑް ކުރިހޯދިއިރު، ޔޫނިއަން ބާލިން ވަނީ ރަށުން ބޭރުގައި 2-1 އިން އެފްސީ ކޮލޯން ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި އެއިންޓްރަކް ފްރެންކްފަޓް އަތުން 4-1 އިން ހާތާ ބާލިން ބަލިވިއިރު، ވާޑާ ބްރޭމަން ވަނީ އެންމެ ފުލުގައި އުޅޭ ޕެޑަބޯން އަތުން 5-1 އިން މޮޅުވެފައެވެ. ވުލްފްސްބާގްގެ ދަނޑުގައި އެފްސީ ފްރެއިބާގްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.