English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް އިތުރު 27 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި 14 ދިވެހިންނާއި، 12 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ މީހަކު ހިމެނެއެވެ. އަދި އޭގެ ތެރޭގައި އެއް އަހަރާއި، ދެ އަހަރާއި ފަސް އަހަރުގެ ތިން ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2003 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1058 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ.

މީގެ އިތުރުން ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1193 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 59.56% އެވެ. އަދި އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 800 އަށް ވެއްޓިފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 33,378 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 346 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 742 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.