English Edition
Dhivehi Edition

ދިރިއުޅޭ ގޭގައި މީހަކު ކަރަންޓީން ކޮށްފައި ހުރި ނަމަވެސް އެގޭގައި ދިރިއުޅޭ އެހެން މީހުނަށް ބޭރަށް ނިކުމުވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސްފި އެވެ.

މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނާއި ރާއްޖެ އިން ބޭރުން އައިސް ގޭގައި ކަރަންޓީން ކުރާ މީހުން، ކަރަންޓީން ކުރާ ދުވަހުން ފެށިގެން ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ވެސް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއްމު ކުރި އާއުސޫލު ބުނާ ގޮތުން ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނިކުތުން އެދެވިގެނެއް ނުވެއެވެ. އެހެންނަމަވެސް އެގޭގައި ދިރިއުޅޭ އެހެން މީހުންނަށް ބޭރަށް ނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ ކުރިން އާންމު ކުރި އުސޫލުގައިވާ ގޮތުން ކަރަންޓީން ކުރާ ގޭގައި 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ހާއްސަ ބަލިތައް (ނޭވާ ހިއްލުން، ކިޑްނީގެ ބަލި، ހަކުރު ބަލި، ހިމޯގްލޯބިން ޑިސްއޯޑާ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވާ ޑިޒީޒް، އަދި ހިތުގެ ބަލި) ފަދަ ބަލިތައް ހުންނަ ފަރާތްތައް އެ ގޭގައި އުޅެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވީ ނަމަވެސް އާއުސޫލުގައި ވަނީ އެ ބައިވެސް އުނިކޮށްފައެވެ.

މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ގޮސް، އަމިއްލަ ގޭގައި ކަރަންޓީން ވެވޭނެ ގޮތަށް ޖޫން މަހުގެ ހަ ވަނަ ދުވަހު ނިންމި އިރު، އެފަދަ މީހުން ރަށުގައި ކަރަންޓީން ކުރަނީ 24 ދުވަހަށެވެ.