English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށްޓަކައި، މެލޭޝިއާ އިން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމައިފިއެވެ.

މެލޭޝިއާގައި މިހާރު ވަނީ ކާމިޔާބުކަމާ އެކު ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި ކަމަށް ދާދިފަހުން އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެފައިވީނަމަވެސް، އެ ގައުމުން ހައްޖަށް މީހުން ނުފޮނުވާން ނިންމިއިރު މި އަހަރުގެ ހައްޖުގެ މާތް އަޅުކަމުގައި އެ ގައުމުގެ 31،600 އެއްހާ މީހުން ބައިވެރިވުމަށް އެންމެހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް އެ ގައުމުން ހައްޖަށް މީހުން ގެންދިއުމުގައި އެންމެ އިސްކޮށް އުޅޭ ޓަބުންގް ހާޖީ ބޯޑުގެ ފަރާތުން ނެރުނު ބަޔާނެއްގައިވެއެވެ.

މިކަމާ ގުޅޭގޮތުން މެލޭޝިއާގެ ރިލީޖަސް އެފެއާޒް މިނިސްޓަރު ޒުލްކިފްލި މުހައްމަދު އަލް-ބަކްރީ ވިދާޅުވީ ނޭވާލުމުގެ ނިޒާމަށްޖެހޭ މި ބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު އޮތުމުގެ އިތުރުން މި ބައްޔަށް މިހާތަނަށް ވެކްސިނެއް ހޯދިފައިނުވުމާއެކު އެ ގައުމުން ހައްޖުގެ މާތް އަޅުކަމުގައި މި އަހަރު ބައިވެރިނުމަށް ނިންމީ ކަމަށެވެ. އަދި މިގޮތަށް އަމަލުކުރުމުގައި މުޅި ދުނިޔޭގައި މުސްލިމުން އެންމެ ގިނަ ގައުމުކަމަށްވާ އިންޑޮނޭޝިއާގެ ނިންމުމަށްވެސް ރިއާޔަތްކޮށްފައިވާނެކަމަށެވެ.

“އަހަރެން އުއްމީދުކުރަނީ، ހައްޖުވެރިން މި ނިންމުން ގަބޫލުކޮށް، ކެތްތެރިކަމާއެކު މަޑުކުރާނެކަމަށް.” މެލޭޝިއާގެ ގައުމީ ޓީވީ އިން ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމުގައި ޒުލްކިފްލި ވިދާޅުވިއެވެ.

މީގެކުރީން، ސިންގަޕޫރާއި އިންޑޮނޭޝިއާ އިން ވެސް ވަނީ އެ ގައުމުތަކުން މި އަހަރު ހައްޖަށް މީހުން ނުފޮނުވާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން، ސައުދީން މިދިޔަ އޭޕްރީލް މަހު ކުރީކޮޅު ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގާފައެވެ. އަދި އޭގެކުރީން މިދިޔަ މާރިޗް މަހުގައި އުމްރާގެ އަޅުކަމަށްވަމުން އަންނަ ތައްޔާރީތައް ވެސް މަޑުޖައްސާލުމަށް ސައުދީން ވަނީ އެދިފައެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ބައިވެރިވިއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި 30 ވަނަ ދުވަހަށެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަށް މެލޭޝިއާ އިން މިހާތަނަށް 8،369 މީހުން ޕޮޒިޓިވްވެ، 118 މީހުން ވަނީ މަރުވެފައެވެ. މި ބަލީގައި އެ ގައުމުން 7،065 މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.