English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ރަޝިޔާ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500،000 އަށް އަރައިފިއެވެ.

އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 8،779 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 174 މީހުން ވަނީ މަރުވެފައެވެ. މިއާއެކު އެ ގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދުވެސް 6،500 އަށްވުރެ ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، ރަޝިޔާ އިން މިހާތަނަށް މި ބަލިޖެހިގެން މަރުވި މީހުންގެ އަދަދާމެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ.

ރަޝިޔާ އިން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 502،436 އަށް އަރާފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 8،367 އެއްހާ މީހުން ރަނގަޅުވެ، ގާތްގަނޑަކަށް 261،150 އެއްހާ މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

މީގެއިތުރުން، އެމެރިކާ އަދި ބްރެޒިލަށް ފަހު މުޅި ދުނިޔޭން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ވެސް ރަޝިޔާ އިންނެވެ. އެ ގައުމުގައި ހާލަތު އެންމެ ގޯސްކޮށް އުޅޭ މޮސްކޯ އިން މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 3 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ދާދިފަހުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ ޖުމްލަކޮށް ޔޫރަޕްގެ ހާލަތު ރަނގަޅުވަމުން އައިނަމަވެސް އިރުމަތީ ޔޫރަޕްގައި ކޮވިޑް-19ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔޭން 7.5 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 420،000 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް މުޅީން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 3،815،337 އެވެ.