English Edition
Dhivehi Edition

އަބަދުވެސް އަންހެނުންނަކީ ވަކި ކަހަލަ މަސައްކަތެއް ނުކުރެވޭ ނުވަތަ ކޮށްގެން ނުވާނެ ބައެއްކަމުގައި ދެކޭ ދިވެހިން ވަރަށް ގިނައެވެ. މިންތީގެ ހަމަހަމަކަމާއި ބެހޭ ގޮތުން ވާހަކަދައްކާއިރު ދިވެހިންގެ ތެރޭގައި އަބަދުވެސް އޮތް ސަގާފަތަކީ ވަކި ޖިންސެއްގެ މީހުންކުރަންޖެހޭނީ ވަކި ކަހަލަ މަސައްކަތެއްކަމެވެ. އެހެންނަމަވެސް ޒަމާނާއެކު މިކަން މަޑުމަޑުން ބަދަލުވަމުން އަންނައިރު މިހާރު ސިޔާސީ އިސްމަގާމުތަކުން ފެށިގެން ގޮސް އަމިއްލަ ގޭގައި ކުރާ ކުދިކުދި ވަޑާމުގެ މަސައްކަތްތަކުގައިވެސް އަންހެނުން ހަރަކާތްތަރިވާ ތަން ފެނެއެވެ.

މި ގޮތުން އައްޑޫ ސިޓީ މީދޫ އަށް އުފަން ފާތިމަތު ޝާހިދާ މިވަނީ ގިނަ ދިވެހި ކަނބަލުންނަށް ނަމޫނާ ދައްކާ އަންހެނަކަށްވީތީ ނުކުރެވޭނެ މަސައްކަތެއް ނެތްކަން ސާބިތުކޮށްދީފައެވެ. 06 ކުދިންގެ މަންމަ ޝާހިދާއަށް ލިބުނު ބިމުގައި ގެއެއް އެޅުމުގެ މަސައްކަތް ފެށީ އަމިއްލައަށް ލިބުނު އެއްޗަކާއި އާއިލާއިން ވެދިން އެހީތެރިކަމާއެކުގައެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހުރިހާ ހަރަދުތަކެއް ކުރަމުން އަންނަ ޝާހިދާ ގެއަޅާ، ހިޔާކޮށް ނިމި ސިމިންތި ޖެހުމުގެ މަސައްކަތާއި ހަމައިން ފެނިގެން ދިޔައީ އޭނާ އަމިއްލައަށް އެ މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ.

މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ގޮތާއި ބެހޭ ގޮތުން ‘އޭއޯ ނިއުސް’ އާއި ވާހަކަދައްކަމުން ޝާހިދާ ބުނީ ކުޑައިރުއްސުރެވެސް މިކަހަލަ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާކަމަށެވެ. “އެނެމް ކުޑައިރުވެސް ބައްޕަ މި މަސައްކަތްކުރާ ތަން ފެނި ޝައުގުވެރިކަން އުފެދުނީ. އޭރުވެސް ބައްޕަ މަސައްކަތްކުރާއިރު ކުޑަކޮށް މި މަސައްކަތްކުރަން އެގޭތޯ ބަލަން. ދެން ޅިޔަނު އާއި ފިރިމީހާ އަކީވެސް މި މަސައްކަތް ކުރާ މީހުންނަށް ވީމަ އެމީހުން މަސައްކަތް ކުރާތަން ފެނި މަސައްކަތް ދަސްކޮށް މި މަސައްކަތް ކުޑަކޮށް ކުރަންފެށީ.” ޝާހިދާ ބުންޏެވެ.

ކުރިންވެސް ގޭތެރޭގެ ކުޑަތަންތަންކޮޅުގައި ތަޅުން އެޅުމާއި، ގޭގެ ތަންތަންކޮޅު ރާނަމުން އައި ނަމަވެސް ޝާހިދާ ބުނީ ސިމިންތި ޖެހުމަކީ މުޅިން އަލަށް ކުރި މަސައްކަތެއް ކަމުގައެވެ. “އަޅުގަނޑު ބޭނުންވީ ގެ ނިންމުމަށްޓަކައި ކުރަންޖެހޭ އެތެރޭގެ މަސައްކަތްތައް އެއްވެސް އިތުރު މީހަކަށް ލާރި ނުދީ ވީހާވެސް ހަރަދުކުޑަކޮށް ކުރަން. ދެން ފިރިމީހާއާއި ދެމީހުން ވެގެން ސިމިންތިޖެހުމުގެ މަސައްކަތް މި ފެށީ. މިހާރު ގާތްގަޑަކަށް އެތެރޭގައި ސިމިންތިޖަހާ މި ނިމެނީ” ޝާހިދާ ބުންޏެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރަމުން އަންނަ ޝާހިދާ ބުނީ ސިމިންތިޖަހާ ނިމުމުން ދެން ފަށާނީ ތަޅުން އެޅުމާއި މުށި ޖެހުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްވެސް ކުރިއަށް ގެންދާނީ ފިރިމީހާ އާއި ދެމީހުންވެގެން ކަމަށެވެ. “މިހާރު އަބަދުވެސް މީހުން ބަރޯސާވެފަ މި ތިބެނީ ބޭރު މީހުން ލައްވާ މި ފަދަ މަސައްކަތް ކުރުވަން. އަކަމަކު އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. އަމިއްލަ މަސައްކަތް އަމިއްލައަށް ކުރެވެންޏާ އެހެން މީހަކު ލައްވާ ކުރުވާނެ ކަމެއް ނެތް” ޝާހިދާ ބުންޏެވެ.

އައްޑޫ ސިޓީގައި އުފެދުނު މޮޅު ބަށިކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ޝާހިދާ ބުނީ މިހާތަނަށް އޭނާ ކުރިމަތިލީ ކޮންމެ ކަމެއްވެސް ކާމިޔާބުކަމާއެކު ކޮށްފައިވާނެކަމަށާއި އެހެންކަމުން މިހާރު ބޭނުންވަނީ އަމިއްލަ ގޭގެ މަސައްކަތް އަމިއްލައަށް ކޮށް ނިންމާލަން ކަމަށެވެ.

މިއީ އައްޑޫ ސިޓީއިން އަދި ހާއްސަކޮށް މީދޫ އިން ވަރަށް މަދުން ނޫނީ ފެނިފައިނުވާ މަންޒަރެކެވެ، ޝާހިދާގެ މި މަސައްކަތަކީ މިފަދަ ކުދިކުދި މަސައްކަތްތައް ކުރުމަށް ޝައުްުވެރިވާ އަންހެންކަނބަލުންނަށް ނަމޫނާ މަސައްކަތެކެވެ. އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސް ކޮންމެ މަސައްކަތެއްވެސް ކުރާނެ ގޮތުގެ ހުނަރާއި ތަމްރީނު އަދި އެކަމާ ގުޅޭ ތައުލީމު ލިބިއްޖެ ކަމުގައިވާނަމަ، އެއީ ކުރަން އުނދަގޫ މަސައްކަތެއް ނޫންކަން ޝާހިދާ މިވަނީ ސާބިތުކޮށްދީފައެވެ.

4 ކޮމެންޓް
ރޯޒީ
ޖުލައި 6, 2022
ސާބަހޭ ކަމަނާ ހިތް ވަރާއި އެކު ކުރިޔަށް
ޯޯީކަމަނަ
ޖޫން 11, 2020
ﷲޞާބިތުކަެއްދެަައްވަަޢީ
Yumna
ޖޫން 10, 2020
Shaahidha aky Vrh rangalha meeha Insha Allah
އަނދިރި ދައުލަތް
ޖޫން 10, 2020
ޝައްދު އަކީ އޮރިޖިނަލް ޖަވާހިރުގެ ވައްތަރަށް. ސާބަސް ކަނބުލޯ !