English Edition
Dhivehi Edition
މާލޭގައި ހުންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: މުޙައްމަދު ޝަރުހާން (މިހާރު)

އަންނަ ހަފްތާގައި ކުދި ރުފިޔާ ދޫކުރުމާއި، ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް އަލުން ފެށުމަށް ރާއްޖޭގެ ޤައުމީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިރޭ ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ޖޫން 14 އިން 30ގެ ނިޔަލަށް އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ، ބުރަ އަދި ބުރާސްފަތި، މި ހަތަރު ދުވަހު 09:30 އިން 14:00 އަށް ކަމަށެވެ.

މީގެ އިތުރުން ފުރަބަންދުގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅިގެން، މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި، ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް، ޖޫން 16 ވާ އަންގާރަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

އަދި އެމްއެމްއޭ އިން ބުނީ ޖޫން 16 އިން 30ގެ ނިޔަލަށް އެ ޚިދުމަތް ދެމުންދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ޚިދުމަތް ހޯދުމަށް އެދި އެ އޮތޯރިޓީގެ ނަންބަރު 7919292 އަށް ޚިދުމަތް ހޯދަންދާ ފަރާތުގެ ނަމާއި އައީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރުގެ އިތުރުން މިހާރު ދިރިއުޅޭ އެޑްރެހާއި ގުޅޭނެ މޮބައިލް ނަންބަރު އަދި ހޯދަން ބޭނުންވާ ޚިދުމަތް ލިޔުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުވުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދަންޖެހޭ ހުއްދަ އެ އޮތޯރިޓީން އެ ފަރާތަކަށް ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ހުއްދަ ލިބޭ ތާރީޚާއި ގަޑިއަށް ސަމާލުކަންދީ، ލިބިފައިވާ ގަޑީގައި އެމްއެމްއޭ އަށް ޚިދުމަތް ހޯދުމަށް ދިއުމަށާއި، ޚިދުމަތް ހޯދަން ދާއިރު މާސްކް އެޅުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.