English Edition
Dhivehi Edition

ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުއާމަލާތްތައް މޮނީޓާކޮށް، ރިޕޯޓް ކުރެވޭނެ ހާއްސަ ޑިޖިޓަލް ނިޒާމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފުކޮށްފި އެވެ. މި ޒަމާނީ ސިސްޓަމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި، މިއީ މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމަށް ތައާރަފުކުރި ނިޒާމެކެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ މުއާމަލާތްތައް ފަސޭހަކަމާ އެކު ރިކޯޑު ކުރުމަށާއި، ކަމާ ގުޅޭ ރިޕޯޓުތައް އަވަހަށް ފޮނުވުމަށް ވެސް މި ނިޒާމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރި އެވެ.

މި އާ ނިޒާމާ ގުޅޭގޮތުން އެމްއެމްއޭއިން މީޑިއާތަކަށް ހިއްސާކުރި ލިޔުމުގައި ބުނީ، މި ސިސްޓަމްގެ ސަބަބުން އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރެވިގެންދާނެ ކަމަށެވެ. އަދި އެ އޮތޯރިޓީ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް ކުރިއަށް ވުރެ އަވަސްވެ، ދެފަރާތުގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.

އެމްއެމްއޭއިން ބުނީ، މި ބަދަލުގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި، މުޅި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މަރުކަޒީ ބޭންކުން އިތުރަށް ބުނި ގޮތުގައި، އަންނަ ޑިސެމްބަރު 1 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުން ވެސް މުއާމަލާތްތައް ރިކޯޑުކޮށް އަދި ރިޕޯޓުކުރުމަށް މަޖުބޫރުވާނީ އަލަށް ނެރުނު މި ޑިޖިޓަލް ސިސްޓަމް ބޭނުންކުރުމަށެވެ.