English Edition
Dhivehi Edition
03 ޖޫން 2020 ވަނަ ދުވަހު ޓްރިވެންޑްރަމުން މުދާ ހިފައިގެން ރާއްޖެ އައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވިއަން

އަވަށްޓެރި ސްރީ ލަންކާ އާއި މެލޭޝިއާގައި ތާށިވެފައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނައުމަށް އަންނަ ހަފްތާގައި ފްލައިޓެއް ބާއްވަން ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފި އެވެ.

މޯލްޑިވިއަނުން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ތިބި ދިވެހިން ގެނައުމަށް ޖޫން 12 އަށް ފްލައިޓެއް ތާވަލްކޮށްފައިވާއިރު، ކުއަލަ ލަމްޕޫރުން ދިވެހިން ގެނައުމަށް ޖޫން 15 އަދި 17 ވަނަ ދުވަހަށް ފްލައިޓް ތާވަލްކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެ ފްލައިޓްތަކުން އަންނަން ބޭނުންވާ ފަރާތްތަކުން، ދަތުރު ފެށުމުގެ ކުރިން ރަށަށް އައިސް ގޭގައި ކަރަންޓީނުވެވޭނެ ނުވަތަ އެކަހެރިވެވޭނެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށެވެ.

މީގެ އިތުރުން މާދަމާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައިވެސް 265 ދިވެއްސަކު ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމާ ރާއްޖެ އަންނަ ދިވެހިންގެ ތެރޭގައި ބޭސްފަރުވާއަށާއި ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވިފައި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯށް ނިމިފައި ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ ނާދެވިފައި ތިބި ފަރާތްތަކުގެ އިތުރުން ޞިއްޙީ ސަބަބުތަކަށްޓަކައި އަދި ދިރިއުޅުމުގެ ޙާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ލަންކާ އާއި މެލޭޝިއާގައި ތާށިވެފައި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ އެހީގައި ވަނީ ރާއްޖެ ގެނެސްފައެވެ.