English Edition
Dhivehi Edition
އިމިގްރޭޝަންގެ ލޭބަރ ސެކްޝަން - ފޮޓޯ: އިމިގްރޭޝަން

24 ގަޑިއިރު ވާރކް ވިސާއަށް އެދި ހުށަހެޅޭނެ އިންތިޒާމް، މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ބުނީ ޖޫން 08 އިން ފެށިގެން ހަފްތާއެއްގެ ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ވާރކް ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ. މީގެ އިތުރުން ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓް ދޫކުރެވޭނީ އާންމު ޚިދުމަތްތައް ދިނުމަށްޓަކައި ސަރުކާރު އޮފީސްތައް ހުޅުވުމަށް ހުއްދަ ލިބުމުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމަށްފަހު ފުރަތަމަ ދައްކާ ވިސާ ފީ ޕޭމަންޓްވެސް މިހާރު އޮންލައިންކޮށް ދެއްކޭގޮތް ހަމަޖެހިފައިވާއިރު، ވިސާ ފީ އާއި ގުޅޭ ހުރިހާ ޚިދުމަތެއްވެސް މިހާރު އޮންލައިން ކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ވަނީ ދާދި ފަހުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވިސާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، 19 މާރިޗް 2020 އިން ފެށިގެން 30 ޖޫން 2020 ދެމެދަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށްވެސް ހަމަޖައްސައިފަ އެވެ.