ރަސްމާލޭގެ ބިޔަ މަޝްރޫއާ ގުޅިގެން ކޯޕަރޭޓް ރެޒިޑެންސް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ކަމަށާއި، އެއީ ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ އެއްޗެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބޭއްވި އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ރާއްޖޭގައި ކޯޕަރޭޓް ރެޒިޑެންސް ވިސާ ދޫކުރުމަކީ ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން އިމިގްރޭޝަން ގާނޫނުގެ ތެރެއިން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އެގޮތުން އޭރު ފަންސާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ނުވަދިހަ ނުވަ އަހަރުގެ ވިސާ ދޭ ގޮތަށް އޮތް ނަމަވެސް، ދެހާސް ވިހި ވަނަ އަހަރު ނިމިދިޔަ ސަރުކާރުން އެ އަދަދު ދެލައްކަ ޑޮލަރަށް ކުޑަކޮށް، ފަސް އަހަރުން އާކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރަސްމާލެ މަޝްރޫއުގައި ވެސް ވިސާ ދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ލަފަޔާ ވެސް އެއްގޮތަށް ކަމަށް އުޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަޝްރޫއާ ގުޅުވައިގެން ތިރީސް ހާސް މީހުން ގެނެސް ވަޒަންވެރިކުރުވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައި ބަންޑާރަނައިބު ވިދާޅުވި އެވެ. އަދި ސަރުކާރުން މިހާރު އެކުލަވާލަމުންދާ ރިއަލްއެސްޓޭޓް ގާނޫނަކީ ވަކި ހާއްސަ މަޝްރޫއަކަށް އަމާޒުކޮށްގެން ހަދާ އެއްޗެއް ނޫން ކަމަށާއި، އެއީ ޓޫރިޒަމަށް އެކަނި ބަރޯސާނުވެ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދޭން ހަދާ ގާނޫނެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ބާވީސް ވަނަ ދުވަހު ސަރުކާރުން ވަނީ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ވިހި ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ގެނެވޭ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.
މި މަޝްރޫއާ ގުޅިގެން ޝަރުއީ ކޯޓަށް މައްސަލަތަކެއް ހުށަހެޅިފައިވީ ނަމަވެސް، މި ޕްރޮޖެކްޓުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، ރައްޔިތުންނަށް އޭގެ ސީދާ މަންފާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ސިޔާސީ ދެކޮޅުވެރިކަން އެއްކިބާކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.