ޕީއެސްޖީގެ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ދޫކޮށްލައިފިނަމަ އެއީ އެ ކްލަބަށް ހެދޭނެ ގޯހެއް ކަމަށް އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ނިކޮލަސް އަނެލްކާ ބުނެފިއެވެ.
ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 301 މެޗުގައި 200 އެއްހާ ލަނޑުޖަހައިގެން، އެ ކްލަބުގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ކަވާނީ އަށް އަނިޔާގެ ސަބަބުން މި ސީޒަނުގެ ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ. އެގޮތުން، މި ފަހަރުގެ ސީޒަނުގައި ކުޅުނު 22 މެޗުން ޖެހިފައިވަނީ އެންމެ ހަތް ގޯލެވެ. އަދި އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ޖޫން މަހުގެ 30 ނިޔަލަށް ހަމަވާއިރު، މިހާތަނަށް އައިއިރު ޕީއެސްޖީއާއެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އެއްބަސްވުމަކަށް ވެސް އާދެވިފައެއްނުވެއެވެ.
ދާދިފަހުން ޕީއެސްޖީން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް މި ސީޒަނުގައި ކުޅެމުން އައި އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީގެ ކޮންޓްރެކްޓް ދާއިމީކޮށްފައިވީނަމަވެސް، މި ދަނޑިވަޅުގައި ކަވާނީ ފެންވަރުގެ ކުޅުންތެރިއަކު ދޫކޮށްލުމުން ފޫނުބެއްދޭވަރުގެ ގެއްލުންތައް ކުރިމަތިވާނެކަމަށް އަނެލްކާ ބުނެއެވެ.
މީގެއިތުރުން، ޚުދު އަނެލްކާ ވެސް ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ޕީއެސްޖީ ދޫކޮށްލުމަށްފަހު އާސެނަލް އާއި ރެއާލް މެޑްރިޑްގެ އިތުރުން ލިވަޕޫލް ފަދަ ވަރުގަދަ ޓީމުތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
އެހެންކަމުން، އަނެލްކާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގެ މޮޅު ފޯވާޑެއް ދޫކޮށްލުމަކީ ޕީއެސްޖީން އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ފަހަކަށް އައިސް އެ ސްޓައިލްގެ ކުޅުންތެރިއަކު އުފެދިފައިނުވާ ކަމަށް ވެސް ފާހަގަކުރިއެވެ.
“ކަވާނީ ދޫކޮށްލުމަކީ ހެދޭނެ ބޮޑު ގޯހެއް. އެ ފެންވަރުގެ ފޯވާޑުން ފަހަކަށް އައިސް އުފެދިފައެއްނުވޭ.” ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަނެލްކާ ބުންޏެވެ.
މިހާރު އުމުރުން 33 އަހަރުގެ ކަވާނީ، ޕީއެސްޖީ އަށް ބަދަލުވީ 2013 ވަނަ އަހަރުގައި 64.5 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ނަޕޯލީ އިންނެވެ. އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރީ ހަތް ސީޒަނުގެ ތެރެއިން ހަ ފަހަރެއްގެ މަތީން ފްރެންޗް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ފަސް ފަހަރު ފްރެންޗް ލީގު ކަޕާއި ހަތަރު ފަހަރު ފްރެންޗް ސުޕަކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ކަވާނީ ވަނީ ދެ ފަހަރެއްގެ މަތީން ލީގުގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓް ވެސް ހާސިލްކޮށްފައެވެ.
އަނެލްކާ އިތުރަށް ބުނީ، ކަވާނީ ދޫކޮށްލައިފިނަމަ ޔަގީނުން ވެސް ބަދަލުވާނީ ވާދަވެރި ބޮޑު ކްލަބަކަށް ކަމަށާއި، އެކަމުގެ ސަބަބުން އެ ޓީމް އިތުރަށް ވަރުގަދަވެގެންދިއުމުގެ އިތުރުން މުސްތަގުބަލްގައި އެކަމުގެ ސަބަބުން ޕީއެސްޖީއަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.