ފްރެންޗް ލީގުގެ އެންމެ ކުރީގައި އުޅޭ ލިއްލޭ ރޭ ކުޅުނު މެޗުގައި ސެއިންޓް އެޓިއަންއާ ލަނޑެއްނުޖެހި އެއްވަރުވުމުން އޭގެ ފައިދާނަގައި ރެއިމްސް އަތުން 4-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން އެ ޓީމާ ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ ލިއްލޭ އަށް 37 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޕީއެސްޖީ އެވެ. ތިންވަނައިގައި އޮތް ރެނޭސް އަށް 37 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް އޮލިމްޕިކް ލިޔޯން އަށް 37 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ.
ޕީއެސްޖީގެ ޕާކް ޑެ ޕްރިންސަސްގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީ އަށް ލީޑްނަގައިދިނީ ބްރެޒިލްގެ ތަރި ނޭމާ އެވެ. މިއީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަންނަން ދަނިކޮށް ޕެނަލްޓީއޭރިޔާތެރެއިން ރެއިމްސްގެ ޔޫނުސް އަބްދުލް ހަމީދު ބޯޅައިގައި އަތް ލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލްއާ ގުޅިގެން އަބްދުލް ހަމީދަށް ރެފްރީ ސީދާ ރަތެއް ދެއްކުމުން މެޗުގެ ބޮޑުބައި ރެއިމްސް އިން ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކު އެވެ.
މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ދެވަނަ ލަނޑު، 24 ވަނަ މިނެޓުގައި ޖަހައިދިނީ އެމްބާޕޭ އެވެ. މިއީ ރެއިމްސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި 26 ވަނަ ލަނޑެވެ. އަދި މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެމްބާޕޭ ޖެހި 40 ވަނަ ގޯލެވެ.
ދެވަނަ ހާފުގައި ޕީއެސްޖީން ޖެހި އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މާކުއިނޯސް އާއި މޮއިސް ކީން އެވެ. މެޗުގެ 68 ވަނަ މިނެޓުގައި ނޭމާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މާކުއިނޯސް ނަތީޖާ 3-0 އަށް ބަދަލުކޮށްލިއިރު، މެޗުގެ ފަހު ބައިގައި އެމްބާޕޭގެ ބަދަލުގައި ކުޅެން ނިކުތް ކީން އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށެވެ.
ޕީއެސްޖީ އަށް ދެން އޮތީ އަންނަ ބުރަސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފްރެންޗް ކަޕް ފައިނަލްގައި މޮނާކޯއާ ދެކޮޅަށް ނިކުންނަ މެޗެވެ. އޭގެ ހަތަރު ދުވަސް ފަހުން ލީގުގައި ރަށުން ބޭރުގައި އެ ޓީމު ނިކުންނާނީ ރެލިގޭޝަން ޒޯންގައި ހިމެނޭ ބްރެސްޓްއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ލީގުގެ އެއްވަނައިގައި އުޅޭ ލިއްލޭ ނިކުންނާނީ ތާވަލްގެ 11 ވަނައިގައި އޮތް އޭންޖާސްއާ ދެކޮޅަށެވެ.