ވޭތުވެދިޔަ 16 އަހަރު ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅުނު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް، ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފިއެވެ.
އުމުރުން 35 އަހަރުގެ ރާމޯސް، ޕީއެސްޖީ އަށް ބަދަލުވީ ރެއާލާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުންނެވެ. ރެއާލް ދޫކޮށްލަން ނިންމީ އައު ކޮންޓްރެކްޓްގެ މަޝްވަރާތައް އެ ކްލަބުން ހުއްޓާލުމުން ކަމަށް ރާމޯސް ވަނީ މީގެކުރީން ބުނެފައެވެ. ޕީއެސްޖީއާއެކު ރާމޯސް ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލަށް ބަދަލުވި ރާމޯސް ވަނީ އެ ޓީމަށް 671 މެޗު ކުޅެދީ، 101 ލަނޑުޖަހާފައެވެ. އޭނާ ވަނީ ރެއާލްގައި ހޭދަކުރީ ދިގު މުއްދަތުގެ ތެރޭގައި ސްޕެނިޝް ލީގު ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު އުފުލާލައިފައެވެ. އަދި ސްޕެއިނުގެ ގައުމީ ޓީމާއެކު ދެ ޔޫރޯ އާއި ފީފާ ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވާ ރާމޯސް ވަނީ އެ ޓީމަށް 180 މެޗު ކުޅެފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ފަހަކަށްއައިސް އުފެދުނު މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޯސް އަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ސްޕެއިނުގެ ސްކޮޑުން ޖާގަނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އަށް އަމާޒުވެފައިވާއިރު، އޭނާ ބުނީ ރާމޯސް އަށް ޓީމުން ފުރުޞަތު ނުދިނީ އަނިޔާގެ ސަބަބުން ކަމަށެވެ.
ރާމޯސްގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީން ވަނީ ލިވަޕޫލަށް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އާއި އިންޓަ މިލާނާއި ރެއާލަށް ކުރިން ކުޅުނު މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ގެނެސްފައެވެ. ވައިނަލްޑަމް، ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވިއިރު އެ ޓީމުން ހަކީމީގެ ސޮއި ހޯދީ އިންޓަ އަށް 60 މިލިއަން ޔޫރޯ ދެއްކުމަށްފަހު އެވެ. މީގެއިތުރުން، އިޓަލީގެ ގައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވަނީ ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފައެވެ.