ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 2-0 އިން ހޯދީ މޮޅާއެކު މެންޗެސްޓާ ސިޓީން އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ސިޓީން ފައިނަލަށް ދަތުރުކުރީ 4-1ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ޕީއެސްޖީގެ ދަނޑުގައި ސިޓީން ކާމިޔާބުކުރީ 2-1 އިންނެވެ.
މިއީ 1970 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕް ފައިނަލްގައި ކުޅުނު ފަހުން ސިޓީން ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ޗެމްޕިއަންސް ލީގުގެ ސެމީގައި ވާދަކުރި ހަމައެކަނި ފަހަރު ކަމަށްވާ 2016 ވަނަ އަހަރުގެ މުބާރާތުން ކެޓީ ބަޔާން މިއުނިކް އަތުންނެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ނިކުތްއިރު ޕީއެސްޖީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ އަށް ނުކުޅެވުމެވެ. މީގެއިތުރުން، މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ޕީއެސްޖީގެ އިދްރީސާ ގާނާ ގޭ ވަނީ ރޭގެ މެޗަށް ސަސްޕެންޑްކޮށްފައެވެ.
ސިޓީން ވަނީ ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާއިރު ފުރަތަމަ ހާފުގެ ބޮޑުބައި އެ ޓީމުން ކުޅުނީ ޕީއެސްޖީގެ ހާފް ތެރޭގައެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް އެވެ. އޭގެފަހުން، ޕީއެސްޖީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި އެ ޓީމުގެ ކެޕްޓަން މާކީނޯސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ޕީއެސްޖީން ގެނައި ބަދަލުތަކާއެކު ރަނގަޅަށް ނުކުޅެވިގެން އުޅެނިކޮށް ސިޓީން ވަނީ އިތުރު ގޯލެއްޖަހައި ފައިނަލަށް ދަތުރުކުރުމާ ގާތަށް ޖެހިލާފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސިޓީގެ އަވަސް އެޓޭކަކުން މި ލަނޑުޖަހައިދިނީ ވެސް މާރޭޒް އެވެ. މިއީ އެ ޓީމުގެ ޒުވާން ތަރި ފިލް ފޯޑެންގެ ހުރަހަކުން މާރޭޒް ކާމިޔާބުކުރި ގޯލެކެވެ.
ޕީއެސްޖީން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މާރިއާ އަށް ރެފްރީ ރަތް ކާޑު ދެއްކުމުންނެވެ. ޑި މާރިއާ އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ އަށް ހަމަލާ ދިނުމުންނެވެ. ޕީއެސްޖީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ސިޓީން ވަނީ މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފޯޑެން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް މަތަކުރުމުން ދިޔައީ ގޯލްގެ ދަނޑީގައި ޖެހިފައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގެ ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުރެން މޮޅުވާ ޓީމަކާއެވެ.